ސިނގިރޭޓުން ނަގާ ޑިއުޓީއަށް ގެނެވުނު ބަދަލާއި އެކު އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް މޯލްޑިވިސް ކަސްޓަމްސް ސާރވިސް އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ސެކްޝަން ހެޑް އޮފް ޓެރިފް އެންޑް ސްޓެޓިސްޓިކްސް އަލީ ޒުބައިރު ވިދާޅުވީ، ދައުލަތަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭ 3 ބައިކުޅަ އެއްބައި ލިބެނީ ސިނގިރޭޓުން ކަމަށާއި އެގޮތުން މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއް ބިލިއަން ރުފިޔާ ލިބިފައިވަނީ ސިނގިރޭޓުން ނެގޭ ޑިއުޓީން ކަމަށެވެ.
މިހާރު މި ނެގޭ ޑިއުޓީއަކީ ސިނގިރޭޓަކުން 2 ރުފިޔާ ކޮންމެ ފޮއްޓެއްގެ ވެލިއުއިން 25 ޕަސެންޓް. ސިނގިރޭޓުގެ ޑިއުޓީއަށް މި ގެނެވުނު ބަދަލަކީ ކޮންމެ ސިނގިރޭޓަކުން 2 ރުފިޔާގެ ބަދަލުގައި 3 ރުފިޔާ ނެގުން އަދި އިތުރަށް 25 ޕަސެންޓް ނެގުން. ރުފިޔާ އެއް އިތުރަށް މި ނެގެނީ.ޑެޕިއުޓީ ސެކްޝަން ހެޑް އޮފް ޓެރިފް އެންޑް ސްޓެޓިސްޓިކްސް އަލީ ޒުބައިރު
އޭނާ ވިދާޅުވީ މިދިޔަ އަހަރު އިމްޕޯޓްކުރެވުނު ވަރަށް ސިނގިރޭޓް އިމްޕޯޓު ކޮށްފިނަަމަ ޑިއުޓީއަށް ގެނެވުނު ބަދަލާއެކު އިތުރަށް 500 މިލިއަން ރުފިޔާ ލިބި، ސިނގިރޭޓުން ނަގާ ޑިއުޓީއިން ޖުމްލަ 1.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ އެހެން އެއްޗެހީގެ ޑިއުޓީއަށް ގެނެވުނު ބަދަލުތައް ފާހަގަކޮށް ޑެޕިއުޓީ ސެކްޝަން ހެޑް އޮފް ޓެރިފް އެންޑް ސްޓެޓިސްޓިކްސް އަލީ ޒުބައިރު އިތުރަށް ވިދާޅުވީ، ބިޑިން ކުރިން ނެގި 200 ޕަސެންޓްގެ ޑިއުޓީގެ ބަދަލުގައި ކޮންމެ ބިޑިއަކަށް 3 ރުފިޔާ އަދި އޭގެ ވެލިއުގެ 25 ޕަސެންޓް ނަގާނެކަމަށެވެ. އަދި އީ ސިނގިރޭޓާއި ވޭޕް އަދި އޭގެ ލިކުއިޑްއިން 200 ޕަސެންޓްގެ ޑިއުޓީ އެއް ނަގާނެކަމަށެވެ.
އެކްސްޕޯޓު އިމްޕޯޓު ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާއި އެކު އޯގަސްޓް މަހު ގާނޫނަށް އަމަލު ކުރަންފަށާނެއެވެ. އެގޮތުން، ގިނަ މުދާތަކުގެ ޑިއުޓީ ކުޑަކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށްޓަކައި ގިނަ ކަންތައްތަކެއް ގެނެވުނު އިސްލާހުގައިވެއެވެ. އަދި ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތަކުން ޑިއުޓީ ބޮޑުކޮށްފައިވާއިރު، އޭގެ ތެރޭގައިދުންފަތުގެ ބާވަތްތަކާއި ބިޑި ވޭޕް ފަދަ ތަކެއްޗާއި އެނާރޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކްސްވެސް ހިމެނެއެވެ.