ދިވެހިރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކަކީ ލޯނުގެ ދަންތުރަތަކެއް ކަމަށާއި، ރާއްޖޭގެ 16 ރަށެއް ނަގާފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ނަޝީދު ވިދާޅުވީ ޗައިނާ ކުންފުންޏަކުން ނަގާ ލޯނު ވަރަށް ބޮޑުވާ ކަމަށާއި، ލޯނު ނެގުމަށް ހެދި ހިސާބު ނުވަތަ ނެގުމަށް އުފައްދަން ބޭނުންވި ރައުސުލްމާލު ނުވަތަ އެސެޓްގެ އަގު ވަރަށް ބޮޑު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެޕްރޮޖެކްޓް ހެދުމަށް ނަގާ ލޯނު ކަނޑައެޅިގެން ވިޔަފާރީގެ ގޮތުން ދެކޮޅު ނުޖެހޭ ވަރަށް ބޮޑުކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންވީމަ މީގެން ލޯނެއް ނަގާގެން ހާދަ އެއްވެސް ޕްރޮޖެކްޓަކުންނެތް ވިޔަފާރީގެ ފައިދާ ނެރެވި، ލޯނު އަބުރާ ދެއްކޭކަށް ނޯވޭ. ލޯނު އަބުރާ ނުދެއްކުނީމަ ދެން މިބުނަނީ ހިއްސާ ދޭށޭ. އިކިއުޓީ ދޭށޭ. ހިއްސާއާއެކު މިގެއްލެނީ ރަށް. ރަށާއެކު ދެން އަޅުގަނޑުމެންގެ އިސްތިގުލާލުގެ ތެރެއަށް މިދަނީ.ރައީސް މުހައްމަދު ނަޝީދު
މިސަރުކާރުން ޗައިނާ ޕްރޮޖެކްޓެއް ހުއްޓުވާފައިވޭތޯ ނުވަތަ ނުވޭތޯ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އުފެދިފައި އޮތީ އިއްތިހާދު ސަރުކާރެއް ކަމަށާއި، ހުރިހާ ކަމެއް ނިންމާނީ ސަރުކާރާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް ބެލުމަށްފަހު މަޝްވަރާގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް ނުދެއްކުމުން ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ އެގައުމުން ނަގާނެ ކަމަށެވެ. އަދި ޗައިނާއިން 16 ރަށެއް ރާއްޖެއިން ނަގާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހޮންކޮންގުގައި ޗައިނާއިން ކަންކުރަމުންދަނީ ހޮންކޮންގާއި ޗައިނާގެ މެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
ބައްލަވާ ހުޅުމާލޭގައި ހަދާފައިވާ އެހަރާ އިމާރާތް. ހުއްޓިފައި. ސިފައިންގެ އިމާރާތް، ފުލުހުންގެ އިމާރާތެއް، ފިނޭންސް މިނިސްޓްރީގެ އިމާރާތެއް، ފްލެޓްތަކެއް ނަގަމުން ނަގަމުން ގޮސް ސަރުކާރު ހިއްސާވާން ކޮންމެ ކުންފުންޏަކުން އެތަނުގައި އެބަހުރި 80 ޕަސެންޓަށް ނުވަތަ 90 ޕަސެންޓަށް ހަދާފަހުރި ބޮޑެތި ބޮޑެތި ކޮންކްރީޓް އިމާރާތް. ހުރިހާ އެއްޗެއް ހުރީ ހުއްޓިފަ. އެތަންތަނުގެ މުޅި ޖުމްލަ ދަރަނީގެ އަދަދު އެބަ ބިލިއަންއަށްވުރެ ބޮޑުކޮށް އެބައަރާ. އެފައިސާ ދައްކަން މިޖެހެނީ އަޅުގަނޑުމެން. ނުދެއްކުނީމަ މިދަންނަވާހެން އެދަރަނި ދެންމިހާ އައިސް މިބުނަނީ ދޭށޭ ހިއްސާ.ރައީސް މުހައްމަދު ނަޝީދު
ޗައިނާއިން ނަގާފައިވާ 16 ރަށާ ބެހޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ ރަށްތަކުގެ ނަންތައް ދަންނަވަން ދަތިކަމަށާއި ނަމަވެސް މިސާލަކަށް ފޭދޫ ފިނޮޅާއި ކަޅު ފަހަލަފުށި އެއީ އޭގެ ދެ ރަށް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް ފޭދޫ ފިނޮޅަކީ ދިވެހި ކުންފުންޏަކާއި ޗައިނާ ކުންފުންޏަކާއި އަދި ހޮންކް ކޮންގް ކުންފުންޏަކާއި ޖޮއިންޓްވެންޗާ އެއް ހަދައި ރިސޯޓެއް ހަދަން ދޫކޮށްފައިވާ ރަށެކެވެ.