ކޮވިޑް-19 އާއި ގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސް ބުދަ ދުވަހުން ފެށިގެން ދޭން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ބުނެފިއެވެ.
ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން ބުނީ، މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސް ކަމަށްވާ 2020 މާރިޗް 7ން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެންވާ ފައިސާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ އެގޮތުން ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ކުރެވެމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، މި މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދެވޭނެ ކަމަށެވެ.
ކުރީ ސަފުގައި މަސައްކަތްކުރާ ހެލްތު ވޯކަރުންނާއި އެހެނިހެން ފަރާތްތަކަށް ދޭން ބުނެފައިވާ އެލަވަންސް ޖުލައި މަހުގެ މުސާރައާއެކު ޖަމާވާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފްރޮންޓްލައިން ވޯކަރުންގެ އެލަވަންސް ޖަމާކުރުމުގައި މިނިސްޓްރީން އެމުވައްޒަފެއްގެ މައުލޫމާތު އެންޓަރ ކުރަމުންދަނީ ވަކި ޕޯޓަލްއަކަށް ކަމަށާއި، މައުލޫމާތު އެންޓަރ ކުރުމުން ޖުލައި މަހުގެ މުސާރައާއެކު އެލަވަންސް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް، މުސާރަ ޖަމާވިއިރު ބައެއް ފަރާތްތަކުގެ އެލަވަންސް ޖަމާވެފައިނުވާތީ އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ.
ފްރޮންޓްލައިން ވޯކަރުންނަށް ހާއްސަ އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވިކަން އިއުލާނުކުރެއްވީ ނިމިދިޔަ މެއި މަހުގެ 7 ގައެވެ. އެކަން އިއުލާނުކުރައްވާ ދެއްކެވި ވާހަކައިގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަައް ތިން ގިންތިއަކަށް ބަހާލައިގެން "ފްރޮންޓްލައިން" އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.