އާސަންދަ ކުންފުނީގެ ޚަރަދުގައި ބޭސްފަރުވާ ކުރުމަށް 60 މީހަކު އަވައްޓެރި އިންޑިއާގެ ޓްރިވެންޑްރަމްއަށް ބުދަ ދުވަހުގެ ހަވީރު ފުރައިފިއެވެ.
އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވި ހުއްދައެއް ކަމަށެވެ. އެގޮތުން އާސަންދައިގެ ޚަރަދުގައި ފަރުވާ ހޯދުމަށް ފުރި ބެޗްގައި ބަލި މީހުންނާއި އެހީތެރިންނާއެކު ޖުމުލަ 60 މީހަކު ހިމެނޭކަމަށާއި، މިއީ އާސަންދައިގެ ޚަރަދުގައި ފުރި 3 ވަނަ ބެޗް ކަމަށެވެ.
އާސަންދައިން ބުނީ، މިފަހަރު ފުރި ބެޗްގައި ހިމެނޭ ހުރިހާ ފަސިންޖަރުންވެސް އިންޑިއާއަށް ދަނީ އެ ޤައުމުގެ ވިސާ ހަމަޖައްސައި، އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިންއާ އެއްގޮތަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަހު ކަމަށެވެ. އަދި އެ އެންމެންގެ ފަރުވާވެސް ހަމަޖެހިފައިވަނީ އިންޑިއާގެ "ކިމްސް ހޮސްޕިޓަލުގައި" ކަމަށާއި، ކަރަންޓީންގެ މުއްދަތުވެސް ފުރިހަމަ ކުރާނީ އެ ހޮސްޕިޓަލުގައި ކަމަށް އާސަންދައިން ބުނެއެވެ.
އޭގެ އިތުރުން، މިހިނގާ ޖުލައި މަހުގެ 14 ވަނަ ދުވަހު ފުރި ބެޗްގައި ދިޔަ 3 ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމާއެކު، ޕޮޒިޓިވްވި މީހުންނާއި، އެމީހުންގެ "ކްލޯސް ކޮންޓެކްޓުން" އައިސޮލޭޓް ކުރެވިފައިވާ ކަމަށް އާސަންދައިން ބުނެއެވެ. އަދި އައިސޮލޭޓް ކުރެވިފައިވީނަމަވެސް، އިމަރޖެންސީކޮށް ދޭންޖެހޭ ފަރުވާ ދެމުންގެންދާނެ ކަމަށް ބުނެފައިވެއެވެ.
އާސަންދައިން ބުނީ، ހޮސްޕިޓަލާއި ގުޅިގެން ބަލި މީހުންގެ ފަރުވާގެ ކަންކަން ކުރިއަށްދާގޮތް ގާތުން ބަލަމުންދާނެ ކަމަށެވެ.