ސިޔާސީ ހަރަކާތްތައް ބާއްވަން ވާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާއި އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ބުނެފިއެވެ.
ބުދަ ދުވަހުގެ އީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގުމަކީ މިހުއްމު ކަމެއް ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ބާއްވަން ވާނީ ޤާނޫނު ނަމްބަރު 2013/4 (ސިޔާސީ ޕާޓީތަކުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީ އާއި ޤާނޫނު ތަކާއި ޤަވާއިދުތަކާއި އުސޫލުތަކިގެ އިމުގެ ތެރެއިން ކަމަށެވެ.
މިދުވަސްވަރަކީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމުން ދިވެހިރާއްޖޭގައި ހަލުވިކަމާއި އެކު ދެތުރެމުންދާ ދުވަސްވަރަކަށް ވެފައި މި ބައްޔަށް ފައްސިވި މީހުންގެ އަދަދު އިތުރުވެ، މި ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ދަނޑިވަޅެއްކަން އީސީން ވަނީ ފާހަގަ ކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން ޤާނޫނު ނަމްބަރު 2012/7 (އާންމު ސިއްޚަތު ރައްކައުތެރި ކުރުމުގެ ޤާނޫނު) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ނެރެފައިވާ ނަމްބަރު 2020/6 ( އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް އިއުލާންކުރާ ޤަރާރު)ން ދިވެހިރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު 2020 އޯގަސްޓް 07 އަށް ވަނީ އިތުރު ކޮށްފައިވާތީ, ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ބާއްވަން ވާނީ ޤާނޫނު ނަމްބަރު 2013/1 (ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި އާންމު ސިއްޚަތު ރައްކައުތެރިކަމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުންތަކާއި އެއްގޮތަށް ކަމަށް އީސީގެ ބަޔާނުގައި ވެއެވެ.
އީސީން ބަޔާނެއް ނެރެފައި މިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް، މާލޭގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެޗްޕީއޭއިން ވަނީ ގިނަ މީހުން ގައިގޯޅިވެ، އެއްވެ ނޫޅުމަށާއި، އަދި 30 މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން އެއްވެ ނޫޅުމަށް އަންގާފައި ވެއެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުންފަދަ އިސްކަންދިނުމަށް ވެސް އަންގާފައި ވެއެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން، މާލޭގައި އެއްވެ އުޅުވޭ ސަރަހައްދަކީ ކާނިވާ ސަރަހައްދެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ، މާލޭގެ ބޮޑެތި މަގުތަކުގައި މުޒާހަރާ ކުރަން މިވަނީ ފަށާފައެވެ. އެގޮތުން ހޯމަ ދުވަހުގެ ރެއާއި އަންގާރަ ދުވަހުގެ ރޭ މުޒާހަރާކޮށްފައިވާއިރު، މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅުޖެހުން ފަދަ މުޑުދާރު އަމަލުތައް ހިންގަމުންދާކަމަށް ވެއެވެ.