ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގުގައި މަސައްކަތް ކުރައްވާ ފަރާތަކުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި، ކުރީގެ އުއްތަމަ ފަނޑިޔާރަކު ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް ފައިސާ ބޭނުންވެގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަރިހުން އެދުމުން ފައިސާ ދިންކަން ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކުން އެނގެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ، ލޯންޑަރ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ ހަވާލުގައި އުއްތަމަ ފަނޑިޔާރަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ދީފައިވެއެވެ. މައުލޫމާތު ދިން ފަރާތުން ފާހަގަކުރި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދައުލަތުގެ ޚަރަދުގައި ސިއްޙީ އިންޝައުރެންސް ހަމަޖައްސާފައިވަނިކޮށް، އޮޕަރޭޝަނެއްގެ ނަމުގައި ނަގާފައިވާ ފައިސާއަކީ އެ ބޭނުމުގައި ނަގާފައިވާ ފައިސާ ކަމަށް ތަހުގީގަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ނެގި މުއްދަތުގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ކުރެއްވި ދަތުރުތަކާ އެ ފައިސާއާ ގުޅުވޭ ކަމަށާއި ނަމަވެސް ބެލިބެލުމުން އެ ދަތުރުގައި އޮޕަރޭޝަނެއް ކުރެއްވިކަން އެނގެން ނެތް ކަމަށެވެ. އެހެން ނަމަވެސް، އެއީ އާއިލާއާއެކު ކުރެއްވި ޗުއްޓީ ދަތުރެއްކަން އެނގޭކަމަށްވެސް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ދައުލަތުގެ އެންމެ މަތީ މަގާމުތަކުގައި ތިބި ފަރާތްތަކުން ފެށިގެން، އާންމުންގެ އެތައް ބަޔަކަށްވެސް ލިބިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށްވެސް ވަނީ އެނގިފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން ދަނީ ރިޔާސީ ކޮމިޝަނެއް އުފައްދައިގެން މިމައްސަލަ ތަހުގީގުކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ސިޔާސީ ބެފުޅުންނާއި ހުރިހާ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވެސް ހިމެނެއެވެ. އެގޮތުން މި ޚިޔާނާތުގެ ފައިސާ 260 ށް ވުރެ ގިނަ ފަރާތްތަކަށް ލިބުނުކަން ވަނީ ހާމަކޮށްފައެވެ.
އޭގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނާއި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރުން ގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ތިއްބެވި 5 މެމްބަރުން ހިމެނޭ ކަން ހާމަވެފައިވެއެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ތިއްބެވި 7 ފަރާތަކާއި ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ 6 ފަނޑިޔާރަކާއި ކުރީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި 23 ފަރާތެއްގެ އިތުރުން ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން 7 އޮފިސަރެއް ހިމެނޭ ކަން ހާމަވެފައިވެއެވެ.