ލޮކްޑައުން ތެރޭގައި ރައްޔިތުންނަށް ފުލުހުން ކުރެއްވި ހިދުމަތުގެ އަގު ވަޒަން ކުރީ އެމީހުންގެ ގަޔަށް ކުޅު ޖަހައިގެންތޯ ވިދާޅުވެ، ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސުވާލު އުފައްދަވައިފިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީން އަންގާރަ ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރި ފުލުހުންގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ހައްޕުޑު ޖަހާފައިވާ ފޮޓޯ ސޯޝަލް މީޑިއާގައި ކޮމިޝަނަރ އޮފް ޕޮލިސް އާންމު ކުރުމާއި އެކު ގިނަބަޔަކު ދަނީ އިދިކޮޅަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިކަމާއި ގުޅިގެން މެމްބަރު ސަލީމް ކުރެއްވި ޓުވީޓެއްގައި ވަނީ، ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އާއިލާ ދޫކޮށް، ފުރާނައަށް ބެލުމެއްނެތިި ރައްޔިތުންނަށް އެހީވުމަށް ފުރަބަންދު ތެރޭގައި މުދާ އުފުލައި އެހީތެރިވެދިން ފުލުހުންގެ އަގު ވަޒަން ކުރަނީ ކުޅުޖަހައިގެންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.
މިނިވަން ދުވަހުގެ ރެއިން ފެށިގެން އިދިކޮޅުން މާލޭގައި މުޒާހާރާ ބާއްވަން ފަށާފައިވާ އިރު، މާލޭގައި ބާއްވާ އެއްވުންތައް ކުރިއަށް ގެންދެވޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގަވާއިދުތަކާއި އެއްގޮތަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުން މި ހާލަތުގައި 30ށް ވުރެ ގިނަ މީހުންނަށް އެއް ނުވެވޭނެއެވެ. އަދި އެއްވާ މީހުންވެސް ތިބެން ޖެހޭނީ މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓައިގެންނެވެ.
އަންގާރަ ދުވަހުގެރޭ ފުލުހުންގެ އިދާރާއިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، މި ފަހަކަށް އައިސް ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެފައިވާއިރު، ފޮރޮންޓްލައިން މަސައްކަތްކުރާ ފުލުހުން ވެސް ޕޮޒިޓިވްވާ އަދަދު ގިނަވަމުން އަންނަ ކަމަށެވެ. އެހެންކަމުން ގާނޫނީ ތަރަހައިގެ ތެރެއިން، ހާލަތާ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން ހިޔާލުފާޅު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.