ހައްގު ގޮތް ގަބޫލްކޮށް، އެ ގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ އަޅުގަނޑުމެން ނިކަމެތި ނުކުރައްވާނެ ކަމަށާއި އެކަން ޔަޤީންކޮށް ޤަބޫލުކުރަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
އައްޝައިޚް އިލްޔާސްގެ ފޭސްބުކް މެދުވެރިކޮށް ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ މިއަދު އަޅުގަނޑުމެންގެ ހަޔާތާއި މެދު ވިސްނާލާއިރު ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ނުކުތާއެއް އެބަ އޮތް ކަމަށާއި އެއީ ހައްގުމަތީ ސާބިތުވެ ތިބޭހާ ހިނދަކު އެބަޔަކާއި ދެކޮޅަށް ބަޔަކު، މީހުން ރާވާ ރޭވުންތަކުން މާތް ﷲ ސަލާމަތްކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ހިތުގައި އަށަގެންނެވުން ކަމަށެވެ.
ޖައުފަރު ސާދިގު ރަޟިއައްﷲ އަންހް ވިދާޅުވި ބަސްފުޅަކަށް ރިޔާއަތްކުރައްވާ އިލްޔާސް ވިދާޅުވެފައިވަނީ ބަޔަކު މީހުން ރާވާ ރޭވުންތަކާއި މެދު ބިރު ގަންނަ މީހަކާއި މެދު ހައިރާންވެވަޑައިގަންނަވާ ކަމަށާއި ސަބަބަކީ އެމީހަކީ މާތްﷲ ގެ ވަހީ ބަސްފުޅަށް ރުޖޫއަ ނުވާ މީހެއް ކަމަށް ސިފަކުރެއްވޭ ކަމަށެވެ. އެބައި މީހުންގެ ނުބައި ރޭވުންތެރިކަމުން, ހައްގު ގޮތުގައި ހުންނަ މީހާ ސަލާމަތް ކުރައްވާނެ ކަމަށާއި މާދިއްޔަކަށް އެނބުރި ދިއުމުގެ ބަދަލުގައި، ﷲ ސުބުޚާނަހޫ ވަތައާލާ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެ ވޮޑިގެންވާއިރު އެއިލާޙް އިރާދަކުރައްވައިފި ކަމެއް މެނުވީ ނުވާނެ ކަމަށްވެސް ގަބޫލްކުރަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
މިމެސެޖް ނިންމަވާ ލައްވަމުން، ހައްޤު ގޮތުގައި ސާބިތުވެ ތިބި ބަޔަކާ ދޭތެރޭގައި ރާވާ ނުބައި ރޭވުންތަކުން މާތް ﷲ އެ މީހަކު ސަލާމަތްކޮށްދެއްވުމަށް އެދި އިލްޔާސް ވަނީ ދުއާ ދަންނަވާފައެވެ.
އިލްޔާސް މިހެން ވިދާޅުވެފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމަށް ވިދާޅުވެފައެއް ނުވެއެވެ. އެހެން ނަމަވެސް މިދަނޑިވަޅަކީ ގައުމުގެ ހިނގަމުންދާ ކަންކަމާއި ގުޅިގެން އިދިކޮޅު ހުރިހާ އެންމެ އެއްގަލަކަށް އަރާ މަސައްކަތްކުރަމުންދާ ވަގުތެކެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް ކުރައްވާ ތާއިދު ދޫކުރައްވާ އިސްލާހީ ހަރަކާތްތަކާ ބައެެއް މެމްބަރުން ގުޅެމުންދާ ވަގުތެކެވެ.