ކޮވިޑް-19 އާއޮ ގުޅިގެން ވައިގެ މަގުން އެކްސްޕޯޓް ކުރުން ހުއްޓުމަކަށް އައިސް އޮތުމަށްފަހު އަންގާރަ ދުވަހަކީ އެންމެ ގިނަ އަދަދަކަށް ވައިގެ މަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުނު ދުވަސް ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެފިއެވެ.
ޓާކިޝް އެރައލައިންގެ ފުލައިޓެއްގައި އަންގާރަ ދުވަހު ވަނީ ޖުމްލަ 36 ޓަނުގެ މަސް ބޭރުކޮށްފައެވެ. މިއީ މި އަހަރުގެ ތެރޭގައި ވެސް އެންމެ ގިނަ އަދަދަކަށް އެއްމެ ފުލައިޓެއްގައި ވައިގެ މަގުން މަސް އެކްސްޕޯޓް ކުރުވުނު ފުރަތަމަ ފަހަރެވެ. އެކްސްޕޯޓް ކުރެވުނު މަހުގެ ބާވަތްތަކުގެ ތެރޭގައި ފިނިކުރި މަހާއި ދިރޭ މަސް ހިމެނެއެވެ.
ރާއްޖޭގެ ބޯޑަރު އަލުން މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ނިންމާލާފައި ވާއިރު، ކޮޑިޑް-19 އާއި ގުޅިގެން ހުއްޓުމަކަށް އައިސްފައިވާ ވައިގެ ދަތުރުތައް އަލުން ބައެއް އެއަރލައިންތަކުން ވަނީ ފަށާފައެވެ. އެގޮތުން ރާއްޖެއަށް ކާގޯ ދަތުރުތައް އަޅަން ފެށި އެއް އެއަރލައިނަކީ ޓާކިޝް އެއަރލައިނެވެ. އެ އަރލައިނުން އަލުން ދަތުރުތައް ފަށާފައިވަނީ އެޕްރީލް މަހުން ފެށިގެންނެވެ.
މީގެ ކުރިން ވެސް އެ އެއަރލައިނުން ވަނީ 33 ޓަނުގެ މަސް ރާއްޖެއިން ބޭރުކޮށްފައެވެ. މި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވަލާއިރު ގިނަ އަދަދެއްގެ އެއަރލައިންތަކުން އަންނަނީ އަލުން ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.