ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 14:02
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސްތިބި ފަތުރުވެރިންތަކެއް އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސްތިބި ފަތުރުވެރިންތަކެއް އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި
ޔޫސުފް ސޮފްވާން ރަޝީދު
ފަތުރުވެރިކަމުގެ ވިޔަފާރިއަށް ކުރާނެ އަސަރުތައް
އަންނަ އަހަރު ރާއްޖެއަށް 1.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފި
ކޮންބައިންޑް މޮޑެލްގައި ވަނީ މިއަހަރު ފަތުރުވެރިންގެ އަދަދު 74 އިންސައްތަ ދަށްވާނެ ކަމަށް
ކޮންބައިންޑް މޮޑެލްގެ ދަށުން އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވަނީ 921,641 ފަތުރުވެރިން

2021 ވަނަ އަހަރު ރާއްޖެއަށް 1.2 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާކޮށްފިއެވެ.

މިގޮތަށް ލަފާކޮށްފައިވަނީ ކޮވިޑް-19 ވަބާގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް، ހިނގާ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ކުރާނެ ކަމަށް ބެލެވޭ އަސަރުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެދުމުގެ މަތިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކުރި ދިރާސާއެއްގެރިޕޯޓުގައެވެ.

މި ދިރާސާކޮށްފައި ވަނީ ފުރަ މާލެ ސަރަހައްދާއި އަތޮޅުތަކުގެ ސަރަޙައްދުތަކުގައި ހިންގާ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އަމާޒުކޮށްގެންނެވެ.

ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުން ފަތުރުވެރިން އަންނަން ބޭނުންވާ މިންވަރަށް ކޮވިޑް-19 އާ ގުޅިގެން އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކުގެ އަލީގައި ރާއްޖެއަށް ޒިޔާރަތް ކުރާނެ ފަތުރުވެރިންގެ އަދަދު އަންދާޒާކޮށް މި ރިޕޯޓުގެ "ފަތުރުވެރިކަމުގެ ޑިމާންޑް އަންދާޒާކުރުން" މި ބައިގައި ވަނީ 2020 ވަނަ އަހާރާއި 2021 ވަނަ އަހަރާއި އަންދާޒާކުރެވެނީ ރާއްޖޭގެ ފަތުރުވެރިކަން ވަރަށް އަވަހަށް ރަނގަޅުވެ ކުރިއަރަން ފަށާނެ ކަމަށެވެ.

މި އަންދާޒާގައި ހިމަނާފައިވަނީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު ގައުމުތަކުގެ ތެރެއިން ހަތް ގައުމެވެ.

ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު ގައުމުތައް:

  • ޗައިނާ
  • އިންޑިޔާ
  • އިނގިރޭސިވިލާތް
  • ފަރަންސޭސިވިލާތް
  • އިޓަލީވިލާތް
  • ޖަރުމަނުވިލާތް
  • ރޫސީވިލާތް (ރަޝިއާ)

މި 7 މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އޮންނަ ޑިމާންޑް ދާދި އަވަހަށް ރަނގަޅުވާނެ ކަމަށް މި ރިޕޯޓުގައި ވަނީ ލަފާކޮށްފައެވެ. މިގޮތުން، 2020 ވަނަ އަހަރު، ފަތުރުވެރިން ޒިޔާރާތްކުރާ މިންވަރު %41 ދަށަށް ދިޔަ ނަމަވެސް އަންނަ އަހަރު %26 ކުރިއަރާ، ޖުމްލަ 1،272،024 (އެއް މިލިއަން ދެ ލައްކަ ހަތްދިހަ ދެހާސް ސައުވީސް) މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުގައިވެއެވެ.

ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރާ މިންވަރު

މި އަންދާޒާތައް ކުރުމުގައި ބޭނުންކޮށްފައިވާ މެތޮޑޮލޮޖީ އަކީ "ސިންގްލް އީކުއޭޝަން-އެރަރ ކަރެކްޝަން މޮޑެލް" ކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ އަންދާޒާ ކުރުމަށް ބޭނުންވާ މިންވަރަށް ތަފާސްހިސާބު ލިބެންނެތުމުގެ ސަބަބުން، އިންޑިޕެންޑެންޓް ވޭރިއަބްލް ކަމުގައި ހިމަނާފައި ވަނީ، ޓޫރިޒަމް ޑިމާންޑަށް އަސަރު ކުރާނެ ކަންތައްތައް ކޮންމެ ގައުމަކަށް ވަކިން ތައްޔާރު ކުރެވިފައިވާ އަހަރީ މޮޑެލް އެއް ކަމަށެވެ.

އެހެންނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިންގެ ޑިމާންޑް ދަށަށް ދިއުމުގެ އިތުރުން ސަޕްލައިއަށްވެސް ބޮޑެތި އަސަރުތަކެއް ކުރާއިރު، ފަތުރުވެރިކަމުގެ ސަޕްލައިއަށް ހުރި ހިރާސްތަކާއި ޔަގީން ނުކުރެވޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ މޮޑެލްތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ސަޕްލައިއަށް އަސަރުކޮށްފާނެ ގޮތްތައް އާންމުގޮތެއްގައި ނުހިމެނޭތީ، ކޮވިޑް-19ގެ ސަބަބުން ސަޕްލައިއަށް ހުރި ގޮންޖެހުންތައް ހިމަނައިގެން މިމޮޑެލްތައް އަލުން ރީއެސްޓިމޭޓްކޮށް "ކޮންބައިންޑް މޮޑެލެއް" ވެސް ވަނީ ތައްޔާރުކޮށްފައެވެ. މި މޮޑެލްއިން ދައްކާގޮތުން މިއަހަރު ފަތުރުވެރިންގެ އަދަދު 74 އިންސައްތައިން ދަށްވުމާއި ގުޅިގެން އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވަނީ 921,641 (ނުވަ ލައްކަ އެކާވީސްހާސް ހަސަތޭކަ ސާޅީސް އެކެއް) ފަތުރުވެރިންނެވެ.

"ކޮންބައިންޑް މޮޑެލް" ން ދައްކާގޮތުން، މިމާކެޓުތަކުގެ ޑިމާންޑް ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް އިޔާދަ ވާނީ ވަރަށް ލަހުންނެވެ. އަދި ކުރިން ރާއްޖެއަށް ދިމާވި މިފަދަ ކާރިސާތަކާ އަޅާބަލާއިރު ފަތުރުވެރިކަން ރަގަޅުވުމަށް ނަގާ ވަގުތު ވެސް އިތުރު ވެގެންދެއެވެ. މިގޮތުން ބައެއް މާކެޓްތައް އިޔާދަ ވާން، ދެ އަހަރަށް ވުރެ ގިނަ ދުވަސް ނެގުން އެކަށީގެންވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް