ބޯޑަރު ބަންދު ކުރުމުން ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ ބޯޑަރު ބަންދު ކުރުމާއި ހަމައަށް ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ކަމަށާއި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ވަރަށް ބުރަކޮށް އެމްއެމްޕީއާރްސީގެ ޓީމް މަސައްކަތް ކުރި ކަމަށެވެ.
ބޯޑަރު ބަންދުކުރުމާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލި ނަމަވެސް އެމްއެމްޕީއާރްސީގެ މުވައްޒަފުން އިތުރަށް މަސައްކަތް ކުރަން ޖެހުނުކަން ފާހަގަކުރައްވާ ތޮއްޔިބު ވިދާޅުވީ އޭރު ވެސް މިހާރު ވެސް ދިވެހިރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ.
އަދި ފަށާފައި ހުރި ބައެއް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިޔަ ގޮތް ބަދަލުކޮށްލި ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މިސާލަކަށް ޗައިނާ އިޓަލީ ފަދަ ތަންތަނުގައި އަޅުގަނޑުމެން އިޝްތިހާރުތައް ބަދަލުކޮށްލީ އޭރުގެ ހާލަތާއި ގުޅޭގޮތުން. އޭރު އެބޭފުޅުން ތިއްބެވީ ކޮވިޑުގެ އަސަރު ބޮޑު ހާލަތެއްގައި. އެހެންކަމުން އަޅުގަނޑުމެން ހިތްވަރު ދިނުމުގެ މެޖެސްތަކަކުން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީތޮއްޔިބު މުހައްމަދު
ރާއްޖެއިން ބޭރުގައި ތިއްބެވި ފަރާތްތަކަށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވާ ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ހާލަތާއި ބެހޭ މައުލޫމާތު ވަރަށް ގިނަ ފަރާތްތަކުން ހޯދި ކަމަށެވެ.
ބޭރު ޤައުމުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅުން ބަދަހިކުރެވޭތޯ މަސައްކަތްކޮށް، އެކި ކަހަލަ ވެބިނަރތައް ވެސް ބޭއްވި ކަމަށް އެމްއެމްޕީއާރްސީއިން ވަނީ ބުނެފައެވެ.
ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު މިކަމުގެ އަސަރު ރާއްޖެއަށް އެންމެ ބޮޑަށް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަށް ގެނެސް ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރުތައް ހުޅުވާލާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް އިއުލާންކުރައްވާފައިވަނީ އަންގާރަ ދުވަހުއެވެ. ބޯޑަރު ހުޅުވާލާނީ ހުރިހާ ގައުމުތަކަށް ކަމަށާއި، އެއްވެސް ގައުމެއް އިސްތިސްނާ ނުކޮށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މުޅި އަހަރުގެ ތެރޭގައި 8 ލައްކަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވާއިރު، އެ އަމާޒަށް ވާސިލުވާން ނިއު ނޯމަލްގެ ތެރޭގައި ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރަން ޖެހެއެވެ.