ޗައިނާގެ ވެރިކަން ކުރާ ސިޓީ ބެއިޖިންގ ގައި ދުވާލަކު 1 މިލިއަން މީހުން ކޮވިޑް-19 އަށް ސްކްރީންކުރަމުންދާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.
ބެއިޖިންގ ގައި މިފަހުން ވަނީ އަނެއްކާވެސް އައު ކުލަސްޓަރ އެއް ފެނި ވައިރަސް ފެތުރެންފަށާފަ އެވެ. ބެއިޖިންގެ ހޯލްސޭލް މާރުކޭޓަކުން ކޮވިޑް-19 ފެތުރެން ފެށުމާއެކު 20 މިލިއަން މީހުން ދިރިއުޅެމުންދާ ބެއިޖިންގ ގައި އަންނަނީ ވައިރަސް އަށް ޓެސްޓް ކުރަމުންނެވެ.
ވައިރަސް ފެތުރުން ކޮންޓްރޯލްވެފައި އޮއްވާ ބެއިޖިންގ އިން ފެނުނު ކުލަސްޓަރ އާއެކު މިހާރު އަދަދުތައް ވަނީ މައްޗަށް އަރާފަ އެވެ. ފެބްރުއަރީ މަހުގެ ކުރީ ކޮޅު އެސިޓީގައި ވައިރަސް ފެތުރިގެންދިޔަ މިންވަރަށް މިހާރު ވަނީ އެ ސަރަހައްދުގައި ވައިރަސް ފެތުރިފަ އެވެ.
އެންމެ ފުރަތަމަ ޓެސްޓް ކުރަން ފަށާފައިވަނީ ޒިންފަޑި މަރކެޓްގައި މަސައްކަތްކުރަމުންދާ އަދި އެސަރަހައްދުން ވަިޔަފާރިކުރި މީހުން އަދި އެސަރަހައްދާ ކައިރީގައި ދިރިއުޅެމުންދިޔަ މީހުންނަށެވެ. އެހެންނަމަވެސް ޓެސްޓް ކުރުން ފުޅާކޮށްފައިވަނީ އެމާރުކޭޓުން ކާބޯތަކެއްޗާއި އެހެނިހެން ތަކެތި މުޅި ސިޓީއަށް ޑެލިވަރ ކޮށްފައިވާތީ އެވެ.
ވައިރަސް ފެތުރެން ފެށުމާއެކު 124 އިންސްޓިޓިއުޓަކުން 230،000 ޓެސްޓް ދުވާލަކު އަންނަނީ ހަދަމުންނެވެ. ޓެސްޓް ކުރަމުންދަނީ ގިނަ މީހުންގެ ސާމްޕަލްތަކެއް އެއް ޓެސްޓް ޓިޔުބަކުން ލައިގެންނެވެ. މިއީ މީގެކުރިން ވުހާންގެ މުޅި އާބާދީ ޓެސްޓް ކުރުމަށްވެސް ބޭނުންކުރި ގޮތެވެ.
ބެއިޖިންގ ގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަށާފައިވާއިރު ލެބޯޓްރީގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ހޫބޭ އަދި ލިއަނިންގ އިން 200 މީހުން ވަނީ ބެއިޖިންގ ގެ ލެބޯޓްރީތަކުގައި މަސައްކަތްކުރުމަށް ގެނެސްފަ އެވެ.