ކޮވިޑް-19 ގެ ސަބަބުން ބަންދުކޮށްފައިވާ ސައުދީ އަރަބިއްޔާގެ މައްކާގެ މިސްކިތްތައް ޖޫން 21 ގައި ހުޅުވުމަށް ތައްޔާރު ވަމުން ދާކަމަށް އެގައުމުގެ ދައުލަތުގެ ޓީވީ ޗެނެލް އަލް އަޚްބާރިއްޔާ ޓީވީން ހުކުރު ދުވަހު ބުނެފިއެވެ.
ބަލިމަޑުކަމުގެ ސަބަބުން މައްކާގެ 1500 (އެއް ހާސް ފަސްސަތޭކަ) މިސްކިތް ބަނދުކޮށްފައި ހުންނަތާ މިހާރު 3 މަސް ދުވަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އަލަށް މިސްކިތްތައް ހުޅުވޭ އިރު އަމަލުކުރަންޖެހޭ ގައިޑްލައިން ސައުދީ ސަރުކާރުން ވަނީ ތައްޔާރު ކޮށްފައެވެ.
އައު ގައިޑްލައިންގައިވާ ގޮތުން މިސްކިތައް އަންނަ އިރު އަމިއްލަ މުސޮއްލަ ގެންނަން ޖެހެއެވެ. އަދި ނަމާދުގައި ތިބޭއިރު ގައިދުރުކަން ބަހައްޓަން ޖެހެއެވެ.
ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ގެންދަނީ މިސްކިތްތައް ޑިސްއިންފެކްޓް ކުރަމުންނެވެ.
މައްކާގެ މިސްކިތްތައް ހުޅުވުމަށް ތައްޔާރު ވަމުންދާއިރު، މެއި މަސް ނިމުނު ހިސާބުން ފެށިގެން އެހެން ސިޓީތަކުގެ މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ ސައުދީ ސަރުކާރުން ވަނީ ދީފައެވެ.
އެހެން ނަމަވެސް އަނެއްކާވެސް ބަލި ފެތުރުން މައްޗަށް ދާން ފެށުމާއެކު ޖިއްދާގެ މިސްކިތްތައް ޖޫން 6ން ޖޫން 20ށް ބަންދު ކުރުމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ނިންމިއެވެ.
ސައުދީ އަރަބިއްޔާގައި މިހާތަނަށް ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް19 ރޯގާ ވަނީ ޖެހިފައެވެ.