އެޕްރިކާގެ ބައްރުގެ ގައުމެއް ކަމަށްވާ ބުރަންޑިގެ ރައީސް އަވަހާރަވުމާ ގުޅިގެން އާ ރައީސް ކަމުގެ ހުވާ އިވަރިސްޓަ އެންޑޭޝެމިއައި ކުރައްވައިފިއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާގޮތުގައި އެގައުމުގެ ވެރިރަށް ގިޓްސްގެ ސްޓޭޑިއަމްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ބުރާސްފަތި އިވަރިސްޓަ އެންޑޭޝެމިއައި ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ. މިރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް އަރުވާފައިވާއިރު، ހުވާ ކުރެއްވީ އެންމެ އިސްކޯޓުގެ 7 ފަޑިޔާރުންގެ ކުރިމަތީގައެވެ.
ހުވާ ކުރެއްވުމަށްފަހު ގައުމާ މުޚާތަބު ކުރައްވާ އިވަރިސްޓަ އެންޑޭޝެމިއައި ވިދާޅުވީ އެންމެ ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރާނީ ގައުމަށް މިހާރު ދިމާވެފައިވާ ދަތިހާލަތުން އަރައިގަތުމަށް ކަމަށެވެ. އަދި މިމަސައްކަތުގައި ހުރިހާ މުއައްސަސާތަކުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންނެވިއެވެ.
ބުރަންޑިގެ ރައީސް ޕިއާރް އެންކުރުންޒީޒާ އަވަހާރަވެފައިވަނީ ނިމިދިޔަ ހަފްތާގައި ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި ރައީސް ޕިއާރް އެންކުރުންޒީޒާ ވަނީ 15 އަހަރު ވެރިކަން ކޮށްފައެވެ.
2015 ވަނަ އަހަރު އިންތިޚާބުގައި އެގައުމުގައި ވަނީ ބޮޑެތި މުޒާހަރާތަކެއްކޮށް ކުރިމަތިލުންތަކެއް ހިނގާފައެވެ. 1200 މީހުން މަރުވެފައިވެއެވެ. އަދި މި ހަމަ ނުޖެހުންތަކުގެ ސަބަބުން 400،000 އެއްހާ މީހުން އެގައުމު ދޫކޮށް ދިޔަކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. ޔޫއެންގެ ރިޕޯޓު ބުނާ ގޮތުން 2015 ވަނަ އަހަރު އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައެވެ.