ހަލުވި ކަމާއެކު އެމެރިކާގައި ކޮވިޑް-19 ފެތުރެމުންދާތީ ޔޫއެސް-މެކްސިކޯ ބޯޑަރު ނުހުޅުވުމަށް އެ ދެ ގައުމުން ނިންމައިފިއެވެ.
ކޮވިޑް ފެތުރެމުން ދިއުމާއެކު ދެގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވުމާ މެދު މަޝްވަރާކޮށްފައި ނުވާއިރު، ޖުލައި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބޯޑަރު ނުހުޅުވާ ބަންދުކޮށްފައި ބޭއްވުމަށް އެމެރިކާއިން މެކްސިކޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނި މެކްސިކޯގެ ފޮރިން މިނިސްޓްރީއަށް އަންގާފައެވެ.
އެމެރިކާގެ ސަފީރު ކްރިސްޓޮފަރ ލަންޑައު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޯޑަރު ނުހުޅުވަން ނިންމާފައިވަނީ ބޯޑަރު ކައިރި ސަރަހައްދުގައި އާންމު ސިއްހީ ހާލަތު ރަނގަޅުކަމަށް ނުފެންނާތީ ކަމަށެވެ. އެމެރިކާގެ ސަފީރު ފޮނުއްވި ސިޓީއާ ހަވާލާދެއްވަ މެކްސިކޯގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދެ ގައުމުގައި ވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އެކަމަށް އެއްބަސްވާ ކަމަށެވެ.
މީގެ އިތުރުން ޔޫއެސް-ކެނެޑާ ބޯޑަރު ވެސް ޖުލައި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފައި ބޭއްވުމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރެޑޫ ވަނީ އަންގާރަ ދުވަހު ވިދާޅުވެފައެވެ.
އެމެރިކާއާއި އިންވެގެން އޮންނަ މެކްސިކޯ އަދި ކެނެޑާގެ ބޯޑަރު ބަންދުކޮށްފައިވަނީ މަރޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.