ހޮންގކޮންގ ''ޕްރޯ ޑިމޮކްރަސީގެ'' ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ޖެހުނީ މުޒާހަރާތަކުގެ ނިވަލުގައި ޒުވާނުން ކުށްކުރާތީ ކަމަށް ހޮންގކޮންގ ފުލުހުން ތުހުމަތުކޮށްފިއެވެ.
ހޮންގކޮންގެ ކޮމިޝަނަރ އޮފް ޕޮލިސް ކްރިސް ޓެންގް ވިދާޅުވީ، ހޮންކޮންގައި ހޫނުވެފައިވާ މުޒާހަރާތަކުގެ ތެރޭގައި ޒުވާނުން ކުށްކުރާ މިންވަރު ފާއިތުވި ދުވަސްތަކުގައި އިތުރުވެފައިވާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ވަނީ ބާރުގެ ބޭނުންކުރަން ފަށާފައެވެ. ހުކުރު ދުވަހު އެކަނިވެސް 35 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ.
ހުސްވި އަހަރު އެކަނިވެސް 4،268 ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 50 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުން މި އަހަރުގެ އޭޕްރީލް މަހާ ހަމަޔަށް ހައްޔަރު ކުރެވުނު މީހުންގެ 40 އިންސައްތަ އަކީ ކިޔަވާ ދަރިވަރުން ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ ޓެންގް ވިދާޅުވީ، ގާނޫނުތަކާއި ގަވާއިދުތައް މުގުރާލައި، ކޮންމެ ދުވަހަކު ހަމަނުޖެހުން އިތުރުވެގެން ދިޔުމަކީ ގައުމީ ސަލާމަތާއި ހޮންކޮންގގެ ކުރިއެރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ޓެންގް މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިމިވަނީ، ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީއަތްތައް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގކޮންގގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމާއި ގުޅިގެން މުޒާހަރާތައް ކުރަމުންދާތީއެވެ.
ސައުތް ޗައިނާ މޯނިން ޕޯސްޓުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ބެއިޖިންގެ ހުށައެޅުމުގައިވާ ގޮތުން ހޮންގކޮންގ އިން ޖެހެނީ އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އައު އިދާރާއެއް އުފައްދަންށެވެ. އަދި އެއާއި އެކު ޗައިނާއިން ބޭނުންވެއްޖެ ކޮންމެ ކޮންމެ ހިނދެއްގައި ޗައިނާގެ މައި ސަރުކާރުން ހޮންގކޮންގެ ކަންތައްތަކާއި ބަސްބުނެ ވޭނެއެވެ.
2019 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގައި، މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ދަނީ ބޮޑު ކުރިމަތިލުންތަކެއް ހިނގާފައެވެ. މި މުޒާހަރާތަކުގައި މިލިއަނެއްހާ މީހުން އަންނީ ބައިވެރިވަމުންނެވެ.