ކޮވިޑް-19ގެ އިތުރު ވެކްސިންއެއް ޓެސްޓުކުރުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ފަށާނެ ކަމަށް ސައިންސްވެެރިން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ އިމްޕީރައަލް ކޮލެޖް ލަންޑަންގެ ރިސާޗަރުން ވިދާޅުވީ، މި މަހުގެ ތެރޭގައި 300 މީހެއްގެ ގަޔަށް ޖަހައިގެން ވެކްސިންގެ އަޖުމަ ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޓްރަޔަލްގައި ބައިވެރިވާ އުމުރުން 18 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުންނަށް ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ދެ ޑޯޒް ދޭން ވަނީ ނިންމާފައެވެ. އެއިން ކުރިއެރުމެއް ލިބިއްޖެނަމަ 6000 ވޮލެންޓިއަރުންގެ ގަޔަށް ވެކްސިން ޖަހާނެކަމަށް ރިސާޗަރުންނާ ހަވާލާދީ އިނގިރޭސީ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
މި ރިސާޗަށް އިނގިރޭސިވިލާތުގެ ސަރުކާރުންް 41 މިލިއަން ޕައުންޑް ހޭދަކުރާނެ އެވެ. އަދި އެކި ފަރާތްތަކުން ވަނީ ރިސާޗަށް އެހީގެ ގޮތުގައި ފަސް މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.
އިމްޕީރައަލް ކޮލެޖުން ވެކްސިންގެ ޓްރަޔަލް އެއް ފަށާނެކަން އިއުލާން ކޮށްފައިވާއިރު، އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވަރސިޓީން ވަނީ އެ ޔުނިވާސިޓީން އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން އަޖުމަ ބެލުމުގެ ހުއްދަ ލިބުމާއެކު ހިއުމަން ޓްރައަލްސް ފަށާފައެވެ. އޮކްސްފޯޑުގެ ޓީމުން އުފައްދާ ވެކްސިން މަސައްކަތް ނިމިއްޖެނަމަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި 30 މިލިއަން ވެކްސިންގެ ޑޯޒް ލިބެން ހުންނާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.