ކ. މާލެ
|
16 ޖޫން 2020 | އަންގާރަ 11:04
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ
ރައީސް އޮފީސް
އީއައިބީއިން ލޯނުގެ އެހީ ފޯރުކޮށްދިނުން
އީއައިބީއިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނު އެހީ ދިނުމަށް ނިންމައިފި
ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވާ ހީނަރުކަމުން އަރައިގަތުމަށް ލިބުނު އެހީތެރިކަމެއް
ވަޒީފާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނެގެހެއްޓުމަށް ލިބުނު ބޮޑު ލުޔެއް

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓު ބޭންކް، އީއައިބީއިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނު އެހީ ދިނުމަށް ނިންމައިފިއެވެ.

މިއެހީ ދިނުމާއިބެހޭ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އަދި އީއައިބީއިން ވަނީ ސޮއިކޮށްފައެވެ. ރާއްޖެއަށް ދޭ މިލޯން އެހީ ފޯރުކޮށްދޭނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

އީއައިބީއިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނު އެހީއާއެކު ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވެފައިވާ ދަތިކަމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުގެ އިތުރުން މަޝްރޫއުތަކުގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާތައް ސަލާމަތްކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އީއައިބީއިން ރާއްޖެއަށް ފޯރުކޮށްދިން މިލޯނުގެ އެހީއާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކުރަމުންދާ މަސައްކަތަކަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިލިބުނު ލޯނުގެ އެހީއާއެކު ކުރިއެރުމެއް ލިބޭނެ ކަމަށާއި، މިއީ ކުދި އަދި މެދު ފަންތީގެ ވިޔާފަރިތައް ނެގުހެއްޓުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

ލޯނުގެ އެހީތެރިކަން ލިބިފައިވަނީ ކުދި އަދި މެދު ފަންތީގެ ފިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް ލިބި ބޮޑު ދަތިތަކަކާއި ކުރިމަތިވަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ މި އެހީގެ ސަބަބޔބް ގިނަ ބައެއްގެ ވަޒީފާތައް ނުގެއްލި ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވަނީ އީޔޫ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އަދި ވިދާޅުވީ އީއައިބީގެ ފަރާތުން ލިބިގެން ދިޔަ މިލޯނުގެ އެހީތެރިކަމަކީ ވެސް އީޔޫ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ލިބިގެން ދިޔަ އެހީތެރިކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އީއައިބީގެ ވައިސް ޕްރެޒިޑެންޓް އެންޑްރޫ މެކްޑޯވެލް ވިދާޅުވީ މި ލޯނަކީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރު ކަމުން ރާއްޖެ އަރައިގަތުމަށް ދެވޭ އެހީތެރިކަމެއް ކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އީއައިބީއިން ދަނީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ތަރައްގީގެ މަޝްރޫއުތަކާއި، އެކި ދާއިރާތަކުގެ ކުރިއެރުވުމަށް އެހީތެރިވެދެއެވެ. އެގޮތުން މީގެ ކުރިން ދެފަހަރެއްގެ މަތިން އެ ބޭންކުން ވަނީ ރާއްޖެއަށް އެހީވެދީފައެވެ. ކޮވިޑް-19އާ ގުޅިގެން އެހީގެ ގޮތުގައި މިދޫކުރި ލޯނަކީ ''ލޯނު އެހީ ޕްރޮގްރާމް'' ގެ ދަށުން ދޫކުރި ލޯނެކެވެ. އެގޮތުން އޭޝިޔާ ގައުމުތަކަށް 5.2 ބިލިއަން ޔޫރޯގެ ލޯނު އެހީދިނުމަށް އެބޭންކުން ވަނީ ނިންމާފައެވެ.

- ކޮމެންޓް