ފިޔާ، އަލުވި އަދި ވިސް އާދަޔާ ހިލާފު މިންވަރަށް އުކާލާފައި ނުވާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯއިން ގިނަ އަދަދެއްގެ ފިޔާ، އަލުވި އަދި ބިސް ބޭނުން ނުކުރެވޭ މިންވަރަށް ކުނިވުމާ ގުޅިގެން އުކާލަމުން ގެންދާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން އެސްޓީއޯގެ ތަރުޖަމާނު އަބްދުﷲ މުހައްމަދު ކޮވިޑް-19އާ ގުޅިގެން އެސްޓީއޯއިން ވަރަށް ފުރިހަމައަށް މަސައްކަތްތައް ޕްލޭން ކުރިވިގެން ކުރިއަށް ގެންދިޔަ ކަމަށެވެ.
އަބްދުﷲ މުހައްމަދު ވިދާޅުވީ އެސްޓީއޯގެ މުވައްޒަފުންތަކެއް ކޮވިޑް-19އަށް ޕޮޒިޓިވްވެ، ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކަރަންޓީންއަށް ދާން ޖެހުނު ކަމަށެވެ. އެގޮތުން ބައެއް މަސައްކަތްތަކަށް ބުރޫއެރި ނަމަވެސް ރައްޔިތުންނަށް ދަތިނުވާ ގޮތަށް މުވައްޒަފުންތައް ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ މުހައްމަދު ވިދާޅުވީ އެހެން ފަހަރުތަކާ ހިލާފަށް މިއަހަރު ކޮވިޑް-19އާ ގުޅިގެން ފިޔާ އަލުވި ސާފު ކުރަންޖެހޭ މިންވަރަށް ސާފު ނުކުރެވި ދިޔަ ކަމަށެވެ. ނަމަވެސް އާދަޔާ ހިލާފު މިންވަރަށް އުކާލާފައި ނުވާކަމަށާއި، ކޮންމެ ފަހަރަކު ވެސް އެތަކެތީގެ ގޮތުން ވަކިވަރަކަށް ބައެއް އެއްޗެހި ހަލާކުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފިޔާ، އަލުވި، ބިސް އެއީ އެއްޗެހީގެ ގޮތުން ވެސް ހާލުވާނެ އެއްޗެހި. އަބަދު ވެސް އެއްޗެހި ހާލަކުވޭ. އެކަމަކު އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަން އެއްޗެހި ހާލުވުން ކުޑަ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް. އެއްބަސްތާ އަނެއް ބަސްތާގެ މައްޗަށް ލާފަ ހުންނަނީ ވެސް. ދެން ކޮވިޑް-19ގެ ކަންތަކާ ހުރެ މަސައްކަތަކަށް ކުޑަ ލަސްކަމެއް އައިސްގެން ސާފުކުރުން ތަންކޮޅެއް ލަސްވި. މިދެންނެވީ ކުރިން ސާފުކުރަމުން އައިވަރަށް ސާފުނުކުރެވުނު. އެކަމަކު ތިބުނާ ވަރަށް ކުކާލާފަ ނުވާނެ.އެސްޓީއޯގެ ތަރުޖަމާނު އަބްދުﷲ މުހައްމަދު
އެސްޓީއޯއިން ވަނީ މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ފިޔާ، އަލުވި، އަދި ބިސް ވަރަށް ބޮޑަށް އަގު ހެޔޮ ކޮށްފައެވެ. އެގޮތުން މިހާރު ވެސް ބިސްކޭހެއް 240 ރުފިޔާއަށް ހުރިއިރު، ފިޔާ ބަސްތާއެއް 175 ރުފިޔާއަށް ލިބެއެވެ.
ފިޔާ، އަލުވި އަދި ބިހުގެ އިތުރުން ކާޑުގެ ބާވަތްތައް ވެސް ރާއްޖެ ގެނައުމާއި މެޑިކަލް ސާމާނާއި ބޭސް ރާއްޖެ ގެނެސް، އެ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ވެެސް އެސްޓީއޯއިން ދަނީ ކުރަމުންނެވެ.