ނޮވެލް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެ އެއަރލައިންތަކަށް ލިބެން ޖެހޭ ޢާމްދަނީގެ ތެރެއިން 314 ބިލިއަން ޑޮލަރު ގެއްލުންވާނެ ކަމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ބުނެފި އެވެ.
މިިދިޔަ އަހަރު އެއަރލައިންތަކަށް ލިބުނު ޢާމްދަނީއާ އަޅާ ކިޔާއިރު، ފަސިންޖަރުންގެ ފުށުން ލިބެންޖެހޭ ޢާމްދަނީ %50ށް ދަށްވެފައިވާ ކަމަށް އަޔާޓާއިން ބުނެއެވެ. އަދި އެއަރ ޓްރެފިކްވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު %48ށް ތިރިވެފައިވާ ކަށް އެޖަމްޢިއްޔާއިން ބުނެއެވެ.
އަޔާޓާ އިން މި އަންދާޒާކޮށްފައި ވަނީ އެ ޖަމްޢިއްޔާއިން ހެދި "ފޯރކާސްޓް" އެއްގެ މައްޗަށް ބިނާކޮށެވެ. ކޮވިޑް-19 ޔޫރަޕުގެ ޤައުމުތަކުގައި އެންމެ ނުރައްކާ މިންވަރަށް ފެތުރިގެން އައި ދުވަސްވަރު، އަޔާޓާއިން މަރަޗް މަހުގެ 24 ވަނަ ދުވަހު ޢާންމު ކުރި އަންދާޒާ ދައްކާ ގޮތުން 252 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބެއެވެ. ނަމަވެސް ފަހުގެ ފޯކާސްޓުން މި ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.
އަޔާޓާއިން ބުނެފައި ވަނީ ކޮވިޑް-19ން އެއަރލައިންތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން 25 މިލިއަން މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މި ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، ފަސިންޖަރުން ކުރިން ނަގާފައިވާ ޓިކެޓުތަކަށް އަނބުރާ ފައިސާ ދައްކަން އެއަރލައިންތަކަށް ނުކުޅެދިފައިވާކަަމަށް ބުނެ، މިކަމުން އަރައިގަތުމަށް ސަރުކާރުތަކުން މާލީ ގޮތުން އެއަރލައިންތަކަށް އެހީވުމަށް އަޔާޓާއިން ވަނީ ގޮވާލާފަ އެވެ.
އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް އެލެގްޒެންޑްރޭ ދެ ޖޫނިއާކް ވިދާޅުވީ ދުނިޔޭގެ އެއަރލައިންތަކުގެ ވިޔަފާރި ކުރިން ވިޔަފާރި ފައިދާގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކޮށްފައިވާ މިންވަރާއި އަޅާ ކިޔާއިރު މިއަހަރުގެ މާލީ ދެވަނަ ކުއާޓަރުގައި ލިބޭ ފައިދާ %70 ދަށް ވާނެ ކަމަށް އެންމެ ފަހުގެ 'ފޯކާސްޓް" އިން ދައްކާ ކަމަށެވެ. އަދި ސަރުކާރުތަކުން އެއަރލައިންތަކަށް މާލީގޮތުން އެހިތެރި ނުވެއްޖެނަމަ، ސީދާގޮތެއްގައި ދުނިޔޭގެ އިޤުތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ތިން މަސްވަންދެން ދުނިޔޭގެ އެކި ޤައުމުތަކުގެ ވައިގެ ދަތުރުފަތުރުތައް ހުއްޓާލާ ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން 35 ބިލިއަން ޑޮލަރު 'ރީފަންޑު'ގެ ގޮތުގައި އެއަރލައިންތަކުން ފަސިންޖަރުންނަށް ދައްކަން ޖެހިފައިވާކަމަށާއި، މި ފައިސާ އަނބުރާ ދެއްކޭނެ ފަދަ ކުޅަދާނެކަމެއް، ނުވަތަ އެވަރަށް ފައިސާ އެއަރލައިންތަކުގެ ބަޖެޓުގައި ނެތް ކަމަށެވެ. އަޔާޓާއިން ވަނީ ކުރިން ގަނެފައިވާ ޓިކެޓަށް ފައިސާ ދެއްކޭނެ ގޮތެއް އެއަރލައިންތަކަށް ނުހޯދިއްޖެނަމަ، ފަހުގެ ތާރީޚަކަށް އެދަތުރުތައް ތާވަލުކުރުން އެއީ އެންމެ އެދެވިގެންވާ ގޮތް ކަމަށެވެ.
އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ދަނީ އޭވިއޭޝަން ސިނާއަތައް ލިބެމުންދާ ގެއްލުން ދިރާސާކޮށް، ކޮންމެ ހަފުތާއަކު ތަފާސް ހިސާބުތައް ޢާންމު ކުރުމުގެ އިތުރުން އެއަރަލައިންތަކުން ޢަމަލު ކުރަންޖެހޭ ގޮތުގެ އިރުޝާދު ދެމުންނެވެ.