ހިޔާ މަޝްރޫއުގެ ފްލެޓުތައް ޖުލައި މަހު ހަވާލުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާއަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ހިޔާ މަޝްރޫޢުގެ 1000 ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ ފްލެޓްތައް ޖުލައި މަހަށް ހަވާލުކުރެވޭނެކަމަށެވެ.
އެހެންނަމަވެސް މިނިސްޓްރީން ބުނީ މިނިސްޓަރަށް އެހެން ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ. ފްލެޓުތަށް ހަވާލުކުރެވޭނެ ތާރީހަކާއި ގުޅިގެން މެމްބަރުންގެ ގިނަ ސުވާލުތަކެއް މިނިސްޓަރަށް އަމާޒުކުރެވިގެންދިޔައެވެ.
މިނިސްޓްރީން ބުނީ ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދެއްގަ ތިބުމުގެ ސަބަބުން، ކުރިން ފައިނަލް ލިސްޓް އިޢުލާން ކުރަން ތާވަލްކުރި ތާރީޚުގައި އާއްމުކުރެވިފައި ނުވާކަމަށެވެ. މިހެން ދިމާވުމުގެ މައިގަނޑު އެއް ސަބަބަކީ، ފުރަބަންދުގެ ތެރޭގައި ގޭގެއަށް ޒިޔާރަތްކޮށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމަށް ދަތިތަކާއި ދިމާވުމުން ކަމަށެވެ.
އެހެންނަމަވެސް، ފުރަބަންދުގެ މުއްދަތު ނިމުނުހާ އަވަހަކަށް ގޭގެއަށް ޒިޔާރަތްކޮށް، އެސެސްމަންޓްގެ މަސައްކަތް ފަށާ ވީހާވެސް އަވަހަކަށް ލިސްޓް އާންމު ކުރުމުގެ މަސައްކަތްކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ ފްލެޓްތައް ސެޕްޓެމްބަރަށް ނިންމާ މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ކުރީގެ ސަރުކާރުގައި އެ 7،000 ފްލެޓް ދޭން ނިންމާފައި އޮތީ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރުމަށް ކޮމެޓީއެއްވެސް ވަނީ އެކުލަވާލާފަ އެވެ.