އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން 2016 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވާ 3 ދާއިރާގެ ތެރޭގައި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ހުރުމުގެ ޙައްޤާގުޅޭ މައްސަލަތައް ހިމެނޭ ކަމަށާއި އެގޮތުން ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވާ ކަމަށް އެމުއައްސަސާއިން ހާމަކޮށްފި އެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްޚަތު ދުވަހާއި ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ މައްސަލަތަކާއި، ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބިދެވޭ ޞިއްޙީ ފަރުވާއާ ގުޅުންހުރި މައްސަލަތަކާ އަދި ޞިއްޙީ ޚިދުމަތް ދޭ ފަރާތްތަކުގެ އިހުމާލުގެ މައްސަލަތައް ހުށަހެޅިފައިވާ ކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތު ފޯރުކޮށްދިނުމަށް އެކުލަވާލަމުންދާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަހި އިންތިޒާމުތަކެއް ހަމަޖެއްސުމަށް ދައުލަތަށް އިލްތިމާސްކުރާ ކަމަށް ބުނެފައިވެ އެވެ.
ދުނިޔޭގެ ޞިއްޙީ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އެއިރެއްގައި ދުނިޔޭގައި ޢާއްމުވަމުންދާ ތަފާތު އެކި ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ބާރުއަޅައި، ޖަމާޢަތާއި ފަރުދީ ފެންވަރުގައި މިފަދަ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މިގޮތުން މި އަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ” ޑިޕްރެޝަންއާމެދު ވާހަކަދައްކަމާ" އެވެ.
ޑިޕްރެޝަނަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 މިލިއަނަށްވުރެ ގިނަ ބަޔަކު ތަޙައްމަލުކުރަމުންދާ ކަމަކަށްވާއިރު، މިއީ ވަކި ޢުމުރުފުރައެއް، ވަކި ޖިންސެއް، ވަކި ގިންތިއެއް ނުވަތަ ވަކި ޤައުމަކަށް ޚާއްޞަވުމެއް ނެތި ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެކަމެއް ކަމަށް މިބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) ގެ "ޑިޕްރެޝަން އެންޑް އަދަރ ކޮމަން މެންޓަލް ޑިސްއޯޑަރސް–ގްލޯބަލް ހެލްތު އެސްޓިމޭޓާސް 2017" ގައި ހާމަކޮށްފައިވާ ގޮތުން، 2015 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 3.7 އިންސައްތަ މީހުންނަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާފައިވާ މީހުންނެވެ.
އެޗްއާރްސީއެމްއިން ބުނީ ޞިއްޙީ ނިޒާމުގެ ތެރެއިން، މިހާރު އެކުލަވާލެވިފައިވާ ނެޝަނަލް މެންޓަލް ހެލްތު ޕޮލިސީގެ ތަންފީޛީ ދުވެލި ބާރުކޮށް، ކަމުގެ ނާޒުކުކަމާއި މުހިއްމުކަމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅައި، މެންޓަލް ހެލްތާބެހޭ ޤާނޫނެއް އެކުލަވާލައި، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މި މަސައްކަތްކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.