ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑީއިރު އުތުރުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، މަދު ރަށްތަކަކަށް މެންދުރުފަހު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދުތެރޭ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް މެންދުރު ފަހުން ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މޫސުމަށް ސަމާލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.