ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމަކީ ލިބުނު ދެރައެއް ކަމަށާއި މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ވެސް ލިބުނު ދެރައެއް ކަމަށް، އިނގިރޭސި ވިލާތުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެ އެވެ.
ގާސިމް ހައްޔަރުކުރުމަކީ ޑޯރިސް ވިދާޅުވި ގޮތުގައި އަނެއްކާވެސް ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް އަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.
I tweeted this on Wednesday. Yesterday opposition party leader in the photo was taken to prison. Another sad day for democracy in #Maldives. https://t.co/rnbgPW3EzL
— James Dauris (@JamesDauris) April 7, 2017
ޖުމްހޫރީ ޕާޓީގެ ލީޑަރުންނާ އެކު މިދިޔަ ބުދަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ފޮޓޯއަކާ އެކު ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފޮޓޯއިން ފެންނަ އިދިކޮޅު ލީޑަރާއި ބައްދަލުކުރެއްވީ ބުދަ ދުވަހު ކަމަށާއި މިހާރު އެމަނިކުފާނު ހުންނެވީ ޖަލުގައި ކަމަށެވެ.
ޑޯރިސް ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. ބައްދަލުވުމަށްފަހު އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ސިޔާސީ ލީޑަރުންނާއި މަޖިލީހުގެ މެންބަރުންގެ އިތުރަށް، ކެންޑިޑޭޓުންނަށް ކުރިމަތިވަމުން އަންނަ ފިއްތުންތަކާއި މެދު ކަންބޮޑުވާ ކަމަށެވެ.
People in #Maldives shared worries with me that political leaders, candidates and MPs are being put under pressure before local elections. pic.twitter.com/ACoTfj7erX
— James Dauris (@JamesDauris) April 5, 2017
ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް، ސަރުކާރާއި އަދި އިދިކޮޅު އިއްތިހާދާއެކު ވެސް ޑޯރިސް މީގެ ކުރިން ވަނީ ބައްދަލުވުންތަކެއް ބާއްވަވާފަ އެވެ. ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދިވަހުގެ ރޭ އެވެ.
ފުލުހުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތްކަމަށް މާޗް 27 ވަނަ ދުވަހު އެޖެންޑާކޮށް ވޯޓް ނެގުމުގެ ވަގުތު ކައިރިވެފައި ވަނިކޮށް ގާސިމް އިބްރާހީމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. ނަމަވެސް އެ ތުހްމަތުތަކަކަށް ގާސިމް އިންކާރު ކުރައްވާފައިވާ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.