ދަނޑުވެރިން ހައްދާ ބާވަތްތައް މުޅި ރާއްޖެއަށް މާކެޓްކުރުމަށް ތިން ޒޯނަކަށް ބަހާލައި ސެންޓަރުތައް ގާއިމް ކުރެވިގެންދާނެ ކަމަށް އެގްރޯ ނޭޝަނަލް ކޯޕްރޭޝަނުން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެގްރޯ ނޭޝަނަލް ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދަނޑުވެރިން ހައްދާ ބާވަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މާކެޓްކޮށް، އެރައްޔިތުންނާ ހަމައަށް އެބާވަތްތައް ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
ދަނޑުވެރިން އުފައްދާ ބާވަތްތައް ގެންގޮސް ސްޓޯރު ކުރެވޭނެ އިންތިޒާމެއް ގާއިމް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ހާރޫން ވިދާޅުވީ ރާއްޖޭގެ އެކިސަރަހައްދުތައް ތިން ޒޯނަކަށް ބަހާލައި އެޒޯނުތަކުގައި ސެންޓަރުތައް ގާއިމް ކުރުމުގެ ޕްލޭނެއް އެބަ އޮތް ކަމަށެވެ. އަދި ގާއިމް ކުރެވޭ އެސެންޓަރު މެދުވެރިވެގެން އެސަރަހައްދުގެ ރައްޔިތުންނާ ހަމައަށް ދަނޑުވެރިކަމުގެ މިބާވަތްތައް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް ހާރޫން ވިދާޅުވިއެވެ.
އޭގެ އިތުރުން އެކި ޒޯންތަކުގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކުމަށްޓަކައި ޚާއްސަކޮށް ރިސޯޓު މާކެޓްއަށް ވެސް އަޅުގަނޑުމެން އެބަ ވިސްނަން. އެހެންވީމަ ރިސޯޓު މާކެޓަކީ ވެސް ވަރަށް މުހިންމު ބައެއްގެ ގޮތުގައި ދެކިގެން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ތަކެތި އުފެއްދުމަށްޓަކައި އަޅުގަނޑުމެން މިހާރު ވެސް ޕްލޭންތަކެއް ހެދުމުގެ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން މިގެންދަނީ.މެނޭޖިންގ ޑިރެކްޓަރު ހާރޫން ރަޝީދު
ދަނޑުވެރިކަމުގެ ބާވަތްތައް ރިސޯޓުތަކަށް މާކެޓްކުރުމާ ގުޅޭގޮތުން ހާރޫން ވިދާޅުވީ ޚާއްސަ ނިޒާމެއްގެ ތެރެއިން ރިސޯޓުތަކަށް ބާވަތްތައް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނެތުމަކީ ދިމާވާ ދަތިކަމެއް ކަމަށެވެ. ނަމަވެސް ޓްރާސްޕޯޓު ނިޒާމެއް މިކަމަށްޓަކައި ޚާއްސަކޮށް ދެމެހެއްޓެނިވި އުސޫލުގެ ތެރެއިން މިމަސައްކަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހާރޫން ވިދާޅުވިއެވެ.
މީގެ އިތުރުން ހާރުން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ދަނޑުވެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް ދަނޑުވެރިންގެ މުދާތައް ވިއްކޭނެ ގޮތް ހަމަޖައްސައި ދަނޑުވެރިން ލިބެމުންދިޔަ ގެއްލުންތައް ކުޑަ ކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށް ހާރޫން ވިދާޅުވިއެވެ. އެގޮތުން ދަނޑުވެރިންގެ އަތުން މުދާ ގަނެ، މާލޭގެ ފިހާރަތަކަށް އަދި މާލޭގެ މާރުކޭޓަށް ފޯރުކޮށްދީފައިވާކަން ހާރޫން ފާހަގަކުރެއްވިއެވެ.
ހާރޫން ވިދާޅުވީ އެގްރޯ ނޭޝަނަލް ކޯޕްރޭޝަން އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަން އާލާކޮށް ކުރިއެރުމަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ. މިފާއިތުވެދިޔަ ސަރުކާރުތަކުގައި ދަނޑުވެރިކަން ފުޅާކޮށް ނެގެހެއްޓުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަން ވެސް ހާރޫން ފާހަގަކުރެއްވިއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިސިނާއަތް ކުރިއެރުވުމަށް ވަކި ކަހަލަ ޕްލޭންތަކެއްގެ ތެރެއިން މަސައްކަތްތައް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ހާރޫން ވިދާޅުވިއެވެ.