މި ވަގުތު މާލޭ ސަރަހައްދުގައި ޓެކްސީ ކުރުމުގެ ހުއްދަ ދެވިފައިވަނީ 110 ޓެކްސީއަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފި އެވެ.
ކޮވިޑުގެ ހާލަތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ވަރޗުއަލް ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ ހިމެނޭގޮތަށް، މިނިސްޓްރީގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި ގިނަ މެމްބަރުންތަކެއް ވަނީ ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ސުވާލު ކުރިމަތިކޮށްފަ އެވެ.
މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މި ދަނޑިވަޅުގައި ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ކޮންމެ ސެންޓަރަކުން އެންމެ 6 ޓެކްސީ އަށް ހުއްދަ ދޭން ނިންމި ކަމުގައިވީނަމަވެސް، ޓެކްސީ ސެންޓަރުތަކުގެ އެދުމުގެ މަތިން އެ އަދަދު 10ށް އިތުރުކުރެވުނު ކަމަށް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވި އެވެ.
އިތުރަށް ތަފްސީލު ކޮށްދެއްވަމުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ޓެކްސީ ޑްރައިވަރުންނަށް މި ދަނޑިވަޅުގައި ދެވެން ހުރި ލުއިތައް ދެމުންދާ ކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ގިނަ ދުވަސްވެ ބާވެފައި ހުރި ޓެކްސީތައް ޓޯކުރަން ފުލުހުންނާއި ގުޅިގެން ކުރި މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ. މި މަސައްކަތް ހުއްޓާލުމުގެ ކުރިން ގާތްގަނޑަކަށް 13 ޓެކްސީ އެއް ވަނީ ޓޯ ކޮށްފަ އެވެ.
ބާވެފައި ހުރި ޓެކްސީތައް ޓޯ ކުރުމުގެ މަސައްކަތް ހުއްޓާލީ އައު ޓެކްސީތައް ހޯދުމުގައި ހުރި ދަތިތަކާއި ގުޅިގެން ޑްރައިވަރުން ފާޅުކުރި ކަންބޮޑުވުންތަކަށް ފަހު އެވެ. މިނިސްޓްރީން އެ މަސައްކަތް މަޑުޖައްސާލައިފައިވާއިރު، އައު ކާރެއް ގަނެ ރަޖިސްޓްރީ ކުރެވޭނީ ކޮން އުސޫލަކުންތޯ ބެލުމަށް ކަމާއިބެހޭ އެހެން ވުޒާރާތަކާއިއެކު ކުރަންޖެހޭ މަޝްވަރާތައް ފެށިފައިވާ ކަމަށް ޝިމާޒް ވިދާޅުވި އެވެ. ސަރުކާރުގެ އޮފީސްތައް ހުޅުވި އާންމު ހާލަތަށް އައުމުން އަލުން އެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް ޝިމާޒް ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުންނަށް އައު ކާރެއް ހޯދުމަކީ ދަތި އުނދަގޫކަމަކަށް ވާތީވެ، އެކަމަކަށް ލުޔެއް ދިނުމުގެ ގޮތުން އެކަންވެސް މިވަގުތަށް ވަނީ މަޑުޖައްސާލެވިފައި އަދި އެކަމާއި ގުޅޭގޮތުން ސަރުކާރުގެ މަޝްވަރާކުރަންޖެހޭ އިތުރު ވުޒާރާތަކާއި މަޝްވާރާކުރެވި އެ ފަރާތްތަކަށް އައު ޓެކްސީއެއް ގަނެ ރަޖިސްޓްރީ ކުރެވޭނީ ކޮން އުސޫލަކުންތޯ އެ މަސައްކަތް ވަނީ ފެށިގައި. އެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. ޕެންޑެމިކް ނިމި ސަރުކާރު ނޯމަލްއަކަށް ދިއުމާއިއެކު، ހައްލެއް ލިބިގެން ދާނެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލަންމިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ
މިދިޔަ އަހަރުގެ ފަހުކޮޅު، ޓެކްސީ ޑްރައިވަރުންނާއި އެ ފަރާތްތަކުގެ މަންދޫބުން ވަނީ މި މައްސަލައިގައި ހައްލެއް ހޯދައި ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި، އެސްޑީއެފްސީ މެދުވެރިކޮށް ޓެކްސީ ގަންނަން ލޯނު ފޯރުކޮށްދިނުމުގެ މަޝްވަރާތަކާއި، އިތުރު އެންގުމަކާއި ނުލާ ޓެކްސީތައް ޓޯ ކުރާ މައްސަލައިގައި މަޝްވަރާކުރެވުނެވެ.
ކޮމިޓީ ބައްދަލުވުމުގައި، ޓެކްސީ ޑްރައިވަރުން އާމްދަނީ ހޯދަން ކުރި މަސައްކަތް ހުއްޓުމާއި ގުޅިގެން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅިގެން، ޝިމާޒް ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ބޭނުންވާ މާލީ އެހީ ހޯދައި ދިނުމަކީ މިނިސްޓްރީއަށް އެކަނި ވާނެ ކަމެއް ނޫން ކަމަށެވެ. ނަަމަވެސް، މިކަމުގައި ވެސް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ކަމާއިބެހޭ ފަރާތްތަކާއި އެކު މަޝްވަރާތައް ކުރިއަށްދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މާލެ ސަރަހައްދުގައި ޓެކްސީ ކުރުމުގެ ހުއްދަ 11 ޓެކްސީ ސެންޓަރަކަށް ދީފައިވާއިރު، 1476 މީހަކު ވަނީ ޓެކްސީ ޑްރައިވަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. ފުރަބަންދު ކުރުމާއި ގުޅިގެން އާމްދަނީ ހޯދޭނެ މަގު އެއްކޮށް ހުއްޓުމަކަށް އައިސްފައިވާއިރު، އިންކަމް ސަޕޯޓް އެލަވަންސް އަދި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް ދޫކުރާ ލޯނު ނުލިބޭ ކަމަށް ގިނަ ޓެކްސީ ޑްރައިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.