ސިވިލް ކޯޓުގައި އޮންލައިންކޮށް ޝަރީޔަތްތައް ކުރިޔަށް ގެންދާނެގޮތުގެ އުސޫލެއް އެކުލަވާލައި އާއްމުކޮށްފި އެވެ.
އެ އުސޫލުގައިވާ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅަން ޖެހެނީ ކޯޓުގެ "ފަނޑިޔާރު ގޮނޑި" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އެގޮތަށް ހުށަހެޅެން ނެތްނަމަ، ކޯޓުން ކަނޑައަޅާ މެއިލް އަށް ދައުވާ ފޯމާއި އެންމެހާ ލިޔުންތައް ފޮނުވޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މައްސަލަ ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި ދައުވާ ފޯމާއި ގުޅިގެން އަންގަން ޖެހޭ އެންގުންތައް އެންގުމަށާއި ފޮނުވަން ޖެހޭ ލިޔުންތައް ފޮނުވުމަށް ބޭނުންކުރާނީ ދައުވާކުރާ ފަރާތުން ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އަށް ކަމަށްް ސިވިލް ކޯޓުން އާއްމު ކޮށްފައިވާ އުސޫލުގައި ބުންޏެވެ. އީމެއިލުން މުއާމަލާތު ކުރެވެން ނެތް ހާލަތެއްގައި މައްސަލަ ހުށަހަޅާ ފޯމުގައި އެ ފަރާތަކާއި ގުޅޭ ނަންބަރު ކަމުގައި ބުނެފައިވާ ނަންބަރަށް ވަޓްސްއެޕް ނުވަތަ ނުވަތަ ވައިބަރ ފަދަ އެނޫންވެސް އެޕްލިކޭޝަނުން މުއާމަލާތު ކުރާނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
މައްސަލަ ކޯޓުގައި ރަޖިސްޓްރީ ކުރެވޭނީ، އެ މައްސަލަ އަކީ ރަޖިސްޓްރޭޝަން ފީ ދައްކަންޖެހޭ މައްސަލައެއް ނަމަ ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ކަނޑައަޅާފައިވާ ޕޯޓަލް އަށް ފައިސާ ދައްކައި، ފައިސާ ދެއްކި ސްލިޕް ކޯޓަށް އީމެއިލް ކުރުމުންނެވެ. ސިވިލް ކޯޓުގެ އުސޫލުގައިވާ ގޮތުން ފައިސާ ދެއްކުމަށް އަންގާތާ ހަތް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެފޯމު ކެންސަލް ކުރެވޭނެ އެވެ.
ބުދަ ދުވަހު އާއްމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވިދާނެ ގޮތްތައް އެކަށައެޅުމަށްޓަކައި މައްސަލައިގެ ހަސްމަށް ކޯޓުން މަޢުލޫމާތު ދޭންވާނެ އެވެ.
އެ އުސޫލުގައިވާ ގޮތުން ހަސްމުންގެ ހާލަތަށާއި އަދި ހަސްމުންނަށް ލިބެން ހުރި ވަސީލަތްތަކަށް ބަލައި، އެ މައްސަލައެއް އޮންލައިން ކޮށް ކުރިއަށް ގެންދެވެން ނެތްނަމަ އެކަމަކާމެދު ދެން އަމަލުކުރާނެ ގޮތެއް އެކަށަ އަޅާނީ އެމައްސަލަ ބައްލަވާ ގާޒީއެކެވެ.
އެފަދަ މައްސަލައަކީ ކޮންމެހެން ހިންގަން ޖެހޭ ފަދަ ޒަރޫރަތެއް އޮތް ބާވަތެއްގެ އޮތް ބާވަތެއްގެ މައްސަލައެއް ކަމަށް މައްސަލަ ބައްލަވާ ގާޒީ އަށް ފެނިވަޑައިގަންނަވާނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތްކޮށް އެ މައްސަލައެއް ގައި ހިމެނޭ ފަރާތް ނުވަތަ ފަރާތްތައް ކޯޓަށްޙާޟިރުކޮށްގެން އެމައްސަލައެއް ހިންގޭނެގޮތް ފަހިވެއްޖެނަމަ އެފަދަ ފަރާތެއް ކޯޓަށް ހާޒިރުކޮށް ހިންގިދާނެ ކަމަށް ސިވިލް ކޯޓުގެ އުސޫލުގައި ބުނެ އެވެ.