މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން, އެނބުރި ސްރީލަންކާ އަށް އަންނަ ބޭނުންވާ 7000 މީހަކު ރާއްޖޭގައި އެބަތިބި ކަމަށް އެ ގައުމުގްފޮރިން މިނިސްޓްރީންބުނެފި އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ބުނީ، މާލޭގެ ލޮކްޑައުންއާ ގުޅިގެން ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ މީހުން ގެންދިޔުމަށް ދިވެހި ސަރުކާރުން އެދިފައިވާއިރު، އެންމެ ބޮޑަށް އިސްކަންދެނީ މާލޭގައި ތިބި ލަންކާ ރައްޔިތުންގެ ގެންދިޔުމަށް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، އަނބުރާ ގައުމަށް އަންނަން ބޭނުންވާ ލަންކާގެ 7000 ރައްޔިތުން ރާއްޖޭގައި އެބަތިބި އެވެ. އޭގެ ތެރެއިން 2000 މީހުންނަކީ މާލެ ސަރަހައްދު ގައި ދިރިއުޅެމުންދާ މީހުން ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މޭމަހުގެ 14 ވަނަ ދުވަހު ރާއްޖޭގައި ތިބި ލަންކާ މީހުންގެ ތެރެއިން 285 މީހަކު ވަނީ ފުުރުވާލާފަ އެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ނުވަ މީހުންނަކީ ލަންކާ އަށް ނިސްބަށްވާ މީހުންނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުންގެ ބޮޑު އިންސައްތަ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކެވެ. ކޮވިޑް-19 ނުރައްކާ ރާއްޖެ އަށް ބޮޑުވެ ރިސޯޓުތައް ބަންދުކުރުމާއި ގުޅިގެން އޭގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.
ލަންކާ ސަރުކާރުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މޭ މަހުގެ 27 އާ ހަމަޔަށް 42،522 (ސާޅީސް ދެ ހާސް ފަސް ސަތޭކަ ބާވީސް މީހަކު) ވަނީ ގައުމަށް ދާންވެގެން ފޮރިން މިނިސްޓްރީގައި އެދިފަ އެވެ.