ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އަންގާރަ ދުވަހު ބަންގްލަދޭޝަށް ނިސްބަތްވާ 200 މީހުން ގައުމަށް ފޮނުވާލައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީގައި ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ވަރަށް ބޮޑަށް ހާލުގައި ޖެހުނެވެ. އަދި ތޮށް ޖެހިގެން ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ފެސިލިޓީގެ ތަކަށް ވަނީ ގެންގޮސްފައެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ބިދޭސީން ތޮށްޖެހިގެން ދިރިއުޅެމުންދާ ސަރަހައްދުތައް ފުލުހުން ދަނީ މޮނިޓަރ ވެސް ކުރަމުންނެވެ.
މި މީހުން ފޮނުވާލީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.
މޯލްޑިވިއަނުން ބުނީ ބަންގްލަދޭޝް އިތުރު 200 މީހުން ފޮނުވައިލީ ކޮވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ވެސް ކަމާގުޅުން ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.
މިހާތަނަށް ބަންގްލަދޭޝަށް ނިސްބަތްވާ 1500ށް ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައި ވާއިރު، ފޮރިން މިނިސްޓްރީން ބުނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގަޔާއި، ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ޤައުމީ އެއަރލައިންގެ މަތިންދާބޯޓުތަކުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވަމުންދާ އިރު، ކުރިއަށް އޮތްތަނުގައި ވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ބަންގްލަދޭޝްގެ ސަރުކާރު ގުޅިގެން ފެށި މަސައްކަތަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވާފަ އެވެ.