ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ނުނިމި އިންސާފު ލިބުމުގައި ލަސްވުމުގެ ޒިންމާ އެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނަގަންޖެހޭ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ އިމްރާން ވިދާޅުވީ، މަރުތަކުގެ ތަހުގީގުތައް އުފެއްދެވި ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ލިބުމާއިއެކު އެ މައްސަލަތަށް ހިނގާފައިވާގޮތް ތަހުގީގުކުރުމަށް ހަވާލުކުރެވިފައިވަނީ އެ ކޮމިޝަނާއި ކަމަށާއި، ފުލުހުންނާއި ހޯމް މިނިސްޓްރީގެ މައްޗަށް އޮތީ އެ ފަރާތްތަކަށް އެހީތެރިވުންކަމަށެވެ. އަދި މަރުތައް ތަހުގީގުކުރުމުގެ ފުރިހަމަ ޒިންމާ އޮތީ ކޮމިޝަނަށް ކަމަށާއި މައްސަލަތައް ލަސްވުމުގެ ޒިންމާ އެ ކޮމިޝަނުން ނަގަންޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ފުލުހުންގެ އަތުގައި ހުރި މަރުތަކާއި ގުޅޭ ހެކިތަކާއި މައުލޫމާތުތައް ފޯރުކޮށްދީފައިވާނެކަމަށާއި އިންސާފު ލިބުމުގައި ލަސްވެގެން އުޅެނީ ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބިގެން ނޫންކަމަށެވެ. މިނިސްޓަރ ވަނީ ކޮމިޝަންގެ ފަރާތުން އެދިލެއްވި ކޮންމެ ކަމެއްގައި އެހީތެރިވުމަށް ފުލުހުން މިހާރެވެސް ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.
ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި ހިނގާފައިވާ މަރުތަކާއި ގުޅޭގޮތުން ހަގީގަތް ހޯދުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް ފުލުސް އޮފީހުން އެއްބާރުލުން ނުލިބޭކަން މީގެ ކުރިން ކޮމިޝަނުން ފާހަގަކޮށްފައިވާއިރު، އެކަމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، ކޮމިޝަނުން ވަކި ކަމެއް ފާހަގަކުރުމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ދެބޭފުޅުން ކޮމިޝަނާއި އެކި ފަހަރުމަތިން ބައްދަލުކޮށްފައިވާނެކަމަށެވެ. އަދި އެދިލެއްވި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އެ ކޮމިޝަންގެ މެންޑޭޓް ތެރޭގައި ހިމެނޭ ހުރިހާ މައްސަލަތައް ތަހުގީގުކޮށް، އާއިލާތަކަށް އިންސާފު ހޯދައިދީ އެކަމުގެ ހިމެނޭ ހުރިހާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގިނަގުނަ މަސައްކަތެއް ކުރަމުން އަންނަކަމަށެވެ. ނަމަވެސް ހަގީގަތް ނުހޯދޭ ނުވަތަ ގިނަ މަސައްކަތައް ފަހުވެސް އެކަމުގެ އެންމެ ސައްހަ މައުލޫމާތު ނުލިބޭ މައްސަލަތައް އެހިސާބުން ނިންމާލާނެކަމަށް ކޮމިޝަނުން ބުންޏެވެ.