ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހުގެ ރޭ ދަންވަރު ކުރިޔަށްދިޔަ ޖަލްސާގައި މަޖިލީހުގެ ތަޅުން ހޫނުވެ ހިންގި ހަމަނުޖެހުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ އެކިއެކި މެމްބަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
ޖަލްސާ ހޫނުވީ މިހާރު ތިބި ކައުންސިލަރުން ދެން އިންތިހާބެއް ބޭއްވެންދެން އެ މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ދަންވަރު ޖަލްސާ ބާއްވަން ޖެހިވަޑައިގަތީ އިދިކޮޅު މެމްބަރުން މިޖަލްސާ އެހެން ގަޑިއެއްގައި ބޭއްވުމުގެ ފުރުސަތު ނުދެއްވުމުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަ ފުޅުދައްކަވަން ފެއްޓެވުމުންނެވެ.
އެވާހަކަފުޅުތަކަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ރައްދުދެއްވާ އަޑުބާރުކޮށް ވާހަކަ ދައްކަވަން ފެއްޓެވުމުން ރިޔާސަތުން ޝިޔާމްގެ ނަން އިއްވެވި އެވެ. ތިން ފަހަރަށް ނަން އިއްވުމަށްފަހު ޝިޔާމް ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި އެވެ. ނަމަވެސް ތަޅުން ދޫކޮށް ވަޑައިގަތުމަށް ޝިޔާމް ދެކޮޅު ހެއްދެވި އެވެ. އެއާއެކު ތަޅުމުގެ ތެރޭގައި މެމްބަރުން ބޮނޑިވެވަޑައިގެން އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ގައިކޮޅަށް އަތް ލައްވާ ކޮށްޕާ ހައްދަވާފައިވާ މަންޒަރު ވަނީ ފެނިގެންގޮސްފަ އެވެ.
މިހާތަނަށް ސޯޝަލް މީޑިޔާއަށް މިކަމާއި ގުޅޭގޮތުން އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނަށްވެސް އެކިވަރުގެ އަނިޔާތައް ވެގެން ގޮސްފައިވާތަން ވަނީ ފެނިފަ އެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްޑީޕީގެ މެމްބަރުން ގަދަަކަމުން ޝިޔާމް ތަޅުމުން ނެރުމަށް މަސައްކަތް ކުރާތަން ފެނެ އެވެ. އަދި ޝިޔާމްގެ ދިފާއުގައި ބައެއް މެމްބަރުން އޭނާ ނުނެރުމަށް މަސައްކަތް ކުރަމުންދާ ތަން ފެނެއެވެ. ޝިޔާމް ބިންމައްޗަށް ވެއްޓޭތަން ވެސް ފެނެ އެވެ. ނަމަވެސް އެމްޑީޕީ މެމްބަރުން ވަނީ އޭނާ މަޖިލީހުން ގަދަކަމުން ނެރެފަ އެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝިޔާމް ގަމީސް ވެސް ވަނީ ވަރަށް ބޮޑަށް ވީދިފަ އެވެ. މީގެއިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ އަށް އަނިޔާވެފައިވާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފަ އެވެ.
މިހަމަނުޖެހުންތަކާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ކުރި ކަމެއް ކަމަށެވެ. އަދި މާރާމާރީ ހިންގިކަމަށް ބުނެ އިދިކޮޅުން ވަނީ މިމައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފަ އެވެ.