ކަޅުބިލަ މަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމާއި އެކްސްޕޯޓް ކުރުމުގައި މިހާރު އެއްވެސް ހުރަހެއްނެތް ކަމަށާއި އެ ހުއްދަ މިހާރު ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ނުހެދިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ވަނީ ދިރާސާކުރުމަށް ފަހު އެ ރިޕޯޓު މަޖިލީހަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓު ޖަލްސާއަށް އެޖެންޑާ ކުރުމާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ސިޓީ އެއް ފޮނުއްވާފަ އެވެ. މި ސިޓީގައި ވާ ކަންތައްތަކުގެ ތެރޭގައި އެއް ކަމެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީން ފާހަގަ ކޮށްފައި ވަނީ ކަޅުބިލަ މަސް ސިނާޢާތް ތަރައްޤީ ކުރުމުގެ ދަށުން ވެފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން މިހާރު ކަންކަން ގޮސްފައިވާ ހިސާބެވެ.
މީގެކުރިން ވަކި ޢަދަދަކަށް މަސް ގަތުމާއި ރާއްޖެއިން ބޭރަށް ފޮނުވުމުގެ 'ރައިޓްސް' ދީފައި ވަނީ އަމިއްލަ ހަތަރު ކުންފުންޏަކަށެވެ. އެކަމާ ގުޅޭ ގޮތުން މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
މިގޮތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ހަތަރު ފަރާތުގެ ތެރެއިން ތިން ފަރާތަކަށް އެއްބަސްވުމުގެ ދަށުން ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް އެއްބަސްވުމުގައިވާ ގޮތުގެ މަތިން 30 ދުވަހުގެ ނޯޓިސް ދީ އެ ނޯޓިސްގެ މުއްދަތު ވަނީ ހަމަވެފައި. އަދި މިނިސްޓްރީގެ ނޯޓިސް އާ އެއްގޮތަށް މަސައްކަތްތައް ފުރިހަމަކޮށްފައިވޭ ތޯ ޔަޤީން ކުރުމަށް ފަހު ނޯޓިސް އާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާ ފަރާތްތަކުގެ އެއްބަސްވުންތައް ބާޠިލު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ދެންނެވިން.ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ސިޓީ
މީގެ އިތުރުން ދީފައިވާ އެކްސްލޫސިވް ރައިޓްސްތަކާއި ގުޅޭގޮތުން އޭޖީ އޮފީހާއެކު އިތުރަށް މަޝްވަރާކޮށް އެފަދަ 'އެކްސްކުލޫސިވް ރައިޓްސް' ތައް އެއްބަސްވުންތަކުން ނުލިބޭ ކަމަށް އޭޖީ ވިދާޅުވެފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އެހެންކަމުން ކަޅުބިލަ މަސް ގަތުމުގައި ޢާންމުކޮށް ހުޅުވާލުމަށް މިހާރު ހުރަހެއް ނެތްކަމުގައި ވާކަމަށާއި މި ވިޔަފާރިއަކީ މިހާރު ޢާންމުކޮށް ހުޅުވާލެވިފައިވާ ވިޔަފާރިއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިކަން ދިރާސާކުރުމަށް ފަހު ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ވަޒީރުކަމުގެ ޒިންމާ ޒަހާ އަދާ ނުކުރައްވާ ކަމަށެވެ. ނަމަވެސް މިސިޓީ ފޮނުއްވުމުން ޤަވައިދު ކޮމިޓީން ފޮނުވި ރިޕޯޓު އަނެއްކާ ވެސް އަނބުރާ ކޮމިޓީއަށް ފޮނުވަން ޖަލްސާ އިން ވަނީ ފާސްކޮށްފަ އެވެ.