ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 35 މީހަކު ބަލިން ރަނގަޅު ވެއްޖެ އެވެ.
ހޯމަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އިތުރު 35 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ.
ނަމަވެސް ބަލިން ރަނގަޅުވި މީހުންގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ. މި 35 މީހުންނާއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 488ށް އަރާފަ އެވެ. ރާއްޖޭގެ ރިކަވަރީ ރޭޓަކީ 26.68 އިންސައްތަ އެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް-19ށް 1829 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 1333 އެވެ. މިހާތަނަށް 6 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.
މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގުލަދޭޝް މީހުންނެވެ. ބަންގުލަދޭޝްގެ 1003 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 590 އެވެ.