ކޮވިޑް-19 އަށް ފަރުވާދޭ މައި ފެސިލިޓީއެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ކަނޑައެޅިފަހުން ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި 28 މީހަކަށް ފަރުވާދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ޤައުމީ ފެންވަރުގައި ކޮވިޑް-19ށް ފަރުވާދޭ މައި ފެސިލިޓީއެއްގެ ގޮތުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 26 އެޕްރީލް 2020 ގައެވެ. އަދި އެކަން އެ ހޮސްޕިޓަލުގެ ފަރާތުން އާންމުކޮށް އިއުލާން ކޮށްފައިވަނީ 1 މޭ 2020 ގައެވެ.
ހޮސްޕިޓަލުން ބުނިގޮތުގައި ކޮރޯނާ ވައިރަހަށް ފަރުވާދިނުމައްޓަކައި ބަލިމީހެއް އެންމެ ފުރަތަމަ ފަހަރަށް 6 މޭ ގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ އެއްމަސް ހަމަވާން ކައިރިވެފައިވާއިރު، މިހާ ތަނަށް އެ ހޮސްޕިޓަލުން ވަނީ ޖުމްލަ 28 ކޮވިޑް ޕޮޒިޓިވް މީހުންނަށް ކާމިޔާބްކަމާއެކު ފަރުވާ ދީފަ އެވެ. މިއީ ސަރުކާރުގެ އެކި ކަރަންޓީން ސެންޓަރުތަކުން އައިޖީއެމްއެޗް މެދުވެރިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ރިފަރ ކުރެވިފައިވާ މީހުންކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މީގެ ތެރޭގައި ހިމެނެނީ 25 ބޮޑެތި މީހުންނާއި 3 ކުޑަ ކުދިންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 13 މީހުންނަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ކުރިއަށްގެންދަމުންނެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި ހޮސްޕިޓަލުގެ ތަޖްރިބާކާރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ދަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ އެކި ސްޓޭޖްގެ މީހުންނަށް 24 ގަޑިއިރު ހުއްޓުމެއްނެތި ފަރުވާ ކުރިއަށް ގެންދަމުންކަމަށެވެ. އެޑްމިޓްކުރެވުނު މީހުންގެ ތެރެއިން 5 މީހުންނަކީ ސީރިއަސް ކްރިޓިކަލް ކޭސްތަށްކަމަށް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މީގެތެރެއިން ވެންޓިލޭޓަރުގެ އެހީ ބޭނުންވެގެން ވެންޓިލޭޓަރަށް ލެވުނު 2 މީހުންވަނީ ފަރުވާދީ ވެންޓިލޭޓަރުން ނަގާފައިވާކަންވެސް ހޮސްޕިޓަލުން ފާހަގަކުރެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ޓީމުން ވަނީ މިދިޔަ މަހުގައި ކޮރޯނާވައިރަހުގެ ބަލިމީހުންނަށް ބޭނުންވެފައިވާ އޮޕަރޭޝަންތަކާއި އަދި އެހެނިހެން ފަރުވާވެސް ކުރިއަށް ގެންގޮސްފައިކަމަށެވެ.
ކޮވިޑް 19އަށް ފަރުވާ ދިނުމުގައި އެންމެ ކުރީ ސަފުގައި ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުންދާ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންނާއި، ނަރުހުންނާއި، ކްލިނިކަލް ސްޓާފުންގެ ތެރޭގައި ހިމެނޭ ރޭޑިއޯގްރާފަރސް އަދި ލެބޯޓަރީ ޓެކްނީޝަނުން، ހުއްޓުމެއްނެތި 24 ގަޑިއިރު ކޮރޯނާ ވައިރަސްގެ ބަލިމީހުންނަށް ފަރުވާ ދެމުންދާކަން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް އެ ހޮސްޕިޓަލުގެ ފަރާތުން ޝުކުރު އަދާކުރޭޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ޤައުމަށް ދިމާވެފައިމިވާ ނުރައްކާތެރި ސިއްޙީ ކާރިސާގެ ވަގުތުކޮޅުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުން ޤައުމަށް ޚިދުމަތްކުރަން ލިބޭ ފުރުސަތަކީ ފަޚުރެއްގެ ގޮތުގައި ޓްރީ ޓޮޕް ހެލްތްގެ ބޯޑް އޮފް ޑިރެކްޓާރސްދެކޭކަމަށެވެ. އަދި ކޮވިޑް 19ގެ ކުރީ ސަފުގައި ބަލި މީހުންނަށް ހުއްޓުމެއްނެތި، ވަރުބަލި ކަމަކާނުލާ އެތަކެއް ޤުރުބާނީތަކަކާއެކު އެންމެ މޮޅު ފެންވަރުގެ ސިއްޙީ ޙިދުމަތްތައް ޤައުމަށް ފޯރުކޮށްދިނުމައްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތަކާމެދު ފަޚުރުވެރިވާކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.