މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެމުވައްޒަފުން ކޮވިޑް-19ށް ޕޮޒިޓިވްވެ މިހާރު ރަނގަޅު ވެފައިވާ ކަމަށް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ޕޮޒިޓިވްވީ ފިރިހެން މުވައްޒަފަކާއި، އަންހެން މުވައްޒަފެއް ކަމަށެވެ. އަދި މިހާރު އެދެ މުވައްޒަފުންގެ ހާލު ރަނގަޅު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ދެން އަޅުގަނޑުމެން އެކި މަރުހަލާތަކުގައި ގާތްގަނޑަކަށް 50 ވަރަކަށް މުވައްޒަފުން ހޯމް އައިސޮލޭޝަންގައި ކަރަންޓީންގައި ބައިތިއްބަން ޖެހުނު. އަދި މިހާރު ވެސް ގާތްގަނޑަކަށް 30 އަކަށް މުވައްޒަފުން ހަމަ ތިބޭ އެގޮތަށް އަދި ފުރަތަމަ ފެށިގެން އައި މަރުހަލާގައި އެއާޕޯޓުން ދިވެހިން މިގެންނަ ދުވަސްވަރު ހަމަ ކޮންޓެކްޓް ވެގެން އަޅުގަނޑުމެންގެ އެއާޕޯޓުގެ އެއްޝިފްޓް ގާތްގަނޑަކަށް އެއްދުވަހު ނުކުމެތިބި 17 އޮފިސަރުން އެއް ފަހަރާ ގޭގައި މަޑު ކުރަން ޖެހުނު ދުވަސްކޮޅެއް ވަންދެން.ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ އަބްދުﷲ ޝަރީފް
ޝަރީފް ވިދާޅުވީ މިހާރު ވެސް ޕްރައިމަރީ ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ހުރިހާ މުވައްޒަފުން ވެސް ސާމްޕަލްނަގައި ނެގެޓިވްވެފައިވާ ކަމަށެވެ. އަދި ޝަރީފް ވިދާޅުވީ މުވައްޒަފެއް ދިރިއުޅޭ ގޭގެ ސަރަހައްދު ނުވަތަ އެގެއަކުން ކޮވިޑް-19ގެ ކޭސްއެއް ފެނިއްޖެ ހާލަތެއްގައި ވެސް އަމަލު ކުރާނެ ޚާއްސަ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.
މުވައްޒަފުންގެ އެންމެހައި ކަންކަން މެނޭޖްމެންޓުން ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މިހާރު ވެސް ގާތްގަނޑަކަށް 30 ނުވަތަ 40 އާދެތެރޭގެ އޮފިސަރުން ހޯމް ކަރަންޓީންގައި އެބަތިބި ކަމަށެވެ.