އާ އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިއުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ބުނެފައިވަނީ، ދުރުރާސްތާގެ އިޤްތިޞާދީ ތަރައްޤީ ހާސިލުކުރުމަށްޓަކައި، އިޤްތިސާދު އެއް ސިނާޔަތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ތެރެއިން ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ.
އެގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ގުޅިގެން އައު އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ.
ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކުރެވޭ ފެންވަރު ރަނގަޅު ދިވެހި އުފެއްދުންތައް ނެރުމެވެ. އަދި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ބްރޭންޑިންގ ފަދަ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ޖޮއިންޓް-ވެންޗަރ އުސޫލުން ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބިޒްނަސް ސެންޓަރ ކޯރޕަރޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދުރުރާސްތާގައި ކާމިޔާބު އެކްސްޕޯޓް-އޮރިއެންޓަޑް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް އުފައްދާ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓް ކުރުމަށް މަގުފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ.
ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކުން، 30 ޖޫން 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި ލިންކް (https://form.jotform.com/201366030096043) ގައިވާ ފޯމް ފުރުއްވާ، ނަން ނޯޓް ކުރެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު މީސްމީޑިއާ މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.