ރާއްޖޭގައި ކޮވިޑް-19 ޖެހުނު ފަސް މީހަކު ބަލިން ފަސޭހަވެއްޖެ އެވެ.
އެޗްޕީއޭ ގެ ޑޭޝްބޯޑު ދައްކާ ގޮތުން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 406ށް އަރާފަ އެވެ. ހޮނިހިރު ދުވަހުގެރޭ 10:00 ޖެހި އިރު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ 401 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
ނަމަވެސް ފަހުން އެޗްޕީއޭގެ ޑޭޝްބޯޑު އަޕްޑޭޓްކުރި އިރު މި އަދަދު ވަނީ 406ށް އަރާފަ އެވެ. މިއާއެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އިންސައްތަ ވަނީ 24.28 އަށް އަރާފަ އެވެ.
ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެގެން ރިޕޯޓް ކޮށްފައިވަނީ 1672 މީހުންނެވެ. މީގެ ތެރެއިން 406 މީހުން ބަލިން ރަނގަޅުވެފައިވާ އިރު 5 މީހަކު ވަނީ މަރުވެފައެވެ. އެހެންކަމުން މިވަގުތު ފަރުވާ ދެމުން ދަނީ 1259 މީހުންނަށެވެ. އަދި މި މީހުންގެ ތެރެއިން 12 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު އެކަނި ވަނީ 74 މީހަކު ޕޮޒިޓިވްވެފައެވެ. އަދި ހުކުރު ދުވަހު 51 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ހޮނިހިރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 1 ދިވެއްސެކެވެ. އަދި އިންޑިއާގެ 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ބަންގުލަދޭޝްގެ 60 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.