ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓަރ އަކަށް ނިސްބަތް ނުވާ 87 މީހަކު ހިމެނޭ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެެވެ.
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން ހޮނިހިރު ދުވަހުގެރޭ އެންއީއޯސީ ގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެކްޓިވި ކޭސްތަކުގެ ތެރެއިން 1170 ކޭހަކީ އެކި ކްލަސްޓަރތަކަށް ނިސްބަތްވާ ކޭސްތައް ކަމަށެވެ.
އެއްވެސް ކްލަސްޓަރ އަކާއި ގުޅުމެއް ނެތް 87 ކޭސްއެއް ރިޕޯޓްކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ރާއްޖެއިން ފެނިފައިވާ ކްލަސްޓަރތަކަށް ބަލާއިރު އެންމެ ގިނަ މީހުން ނިސްބަތްވާ ކްލަސްޓަރ އަކީ ކޮވިޑް ވިލެޖްގެ ކްލަސްޓަރ ގައި އެވެ. އެ ކްލަސްޓަރ އިން 125 މީހަކު ވަނީ ޕޮޒިޓިވްވެފައި އެވެ.
ކޭސްތަކާއި ގުޅޭ އިތުރު މައުލޫމާތުތައް ހިއްސާ ކުރައްވަމުން އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މި ފަހަކަށް އައިސް ރިޕޯޓް ކުރެވޭ ކޭސްތައް އެއް މިންގަނޑެއްގައި ހިފެހެއްޓިފައިވާ ކަމަށެެވެ. ސަބަބެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވީ، ދިވެހިންގެ އިތުރުން ބިދޭސީންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ކަމަށެވެ.