މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއް ލިބުމާއެކު އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގެ ކަސްޓަމާ ސާވިސަސް ސެންޓަރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ދޫކުރަން ނިންމައިފި އެވެ.
ބީއެމްއެލުން ބުނީ ކަސްޓަމަރ ސަރވިސް ސެންޓަރުން މިޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހަދައިގެން އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެގޮތުން ދުވާލަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 300 ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލުން ބުނީ ޖޫން މަހުގެ ފުރަތަމަ ދެހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ން ފެށިގެން މެންދުރުފަހު 2:00 ށެވެ. އަދި ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެޕޮއިންޓްމަންޓް ހެދުމާ ބެހޭ ގޮތުން ބީއެމްއެލުން ބުނީ އެޕޮއިންޓްމެންޓަށް މެސެޖު ކުރަން ޖެހެނީ ހާއްސަ ފޯމެޓަކުން ކަމަށާއި، މި މެސެޖު އިންނަން ވާނީ ހަތަރު ލައިނަށް ވާ ގޮތަށް ކަމަށާއި، ސީއެސްސީ ޖެހުމަށްފަހު އައިޑީ ކާޑު ނަމްބަރު ޖަހާފަ ނަން އަދި ގޭގެ ނަން ޖެހުމަށްފަހު މެސެޖު ކުރާނީ 455 އަށެވެ.
މިސާލު:- އައިޑީކާޑު ނަންބަރު / ޕާސްޕޯޓް ނަންބަރު ( ބިދޭސީއެއްނަމަ)- ނަން- މިހާރު އުޅޭ އެޑްރެސް
އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް ފުލުހުން އެސްއެމްއެސް އަކުން 'ޕާމިޓް" ފޮނުވާނެ އެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ކަސްޓަމާ ސާވިސަސް ސެންޓަރަށް ދެވޭނެ އެވެ.
ކާޑު ނަގަން ދާއިރު ސަމާލު ވާންޖެހޭ ކަންތައްތަކަށް އަލިއަޅުވާލައި ބީއެމްއެލުން ބުނީ މާސްކު އެޅުމާއި، ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމާއި، އަމިއްލަ ގަލަން ގެނައުމުގެ އިތުރުން ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން ވަނީ އިލްތިމާސްކޮށްފަ އެވެ.