ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ ބައެއް ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރުވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޝިފާ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރި މަސައްކަތުގެ ތެރެއިން ކޮންސްޓްރަކްޝަން ސައިޓްތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގޮސްގެން މަސައްކަތް ކުރުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ ބިދޭސީންގެ ކަންކަން ބޮއްސުންލައިގެން ދިޔައީ ގަވާއިދުތައް ހެދިފަައި ނެތިގެން ނޫން ކަމަށާއި، މިއީ ބަޔަކުވި ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އަަދި ވިދާޅުވީ ކޮވިޑް-19ގެ މިހާލަތަށްފަހު ޚާއްސަ އިންތިޒާމެއްގެ ތެރެއިން ބިދޭސީންގެ ކަންކަން ކުރަމުންދާނެ ކަމަށެވެ.
މީގެ އިތުރުން ޝިފާ ވިދާޅުވީ ގަވާއިދާ ހިލާފަށް ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދަށް ފެއްތުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ސާޅިސް ހާހަށްވުރެ ގިނަ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާ ރަޖިސްޓްރީ ކުރުވާފައިވާ ކަަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބިދޭސީން މަސައްކަތަށް ނެރޭއިރު، އެމީހުންނަކީ ގަވާއިދާ އެއްގޮތަށް ދިރިއުޅޭ މީހުންތޯ ކަށަވަރު ކުރަންޖެހޭ ކަމަށާއި، މިއީ މަސައްކަތް ހަވާލުކުރާ ބައެއްގެ ޒިންމާއެއް ކަމަށެވެ.
މިހާރު އިތުރަށް މަސައްކަތް ކުރައްވާއިރު މުހިންމު ކަމެއް ގަވާއިދަށް އެޅިފައި ތިބި ބައެއްގެ ބޭނުން ކޮށްގެން އެމީހުން ލައްވާ މަސައްކަތްތަކެއް ކުރެވޭތޯ ބެލުން އެއީ. އެކޮންސްޓްރަކްޝަން ކުންފުނިތަކަށް އެބަ އޮވޭ ވަރަށް ބޮޑަށް ލޭންޑްގެ ފަރާތުން ހެދިފައި ހުރި ގާނޫނުތަކާއި އިމާރާތް ކުރުމުގެ ގަވާއިދުތައް. މިހުރިހާ ކަންކަމުގައި ވެސް މިގެންގުޅޭ މުވައްޒަފުން ބެލެހެއްޓުމުގައި ވިސްނަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން އެތައް ބައިވަރު ވާހަކަތަކެއް ގަވާއިދުގެ ތެރޭގައި ލިޔެފައި އެބަހުރި.މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު
އިމިގްރޭޝަނުން ދީފައިވާ މައުލޫމާތު ތަކަށްބަލާއިރު، ގަވާއިދާ އެއްގޮތަށް 150،000 ބިދޭސީން ރާއްޖޭގައި އުޅޭއިރު، ރަސްމީ ލިޔެކިޔުމެއްނެތި 63،000 ބިދޭސީން އުޅޭކަމަށް ލަފާކުރެއެވެ. ރާއްޖޭގައި 213،000 އަށްވުރެ ގިނަ ބިދޭސީން އުޅޭނެ ކަމަށް ބެލެވެއެވެ.
ކޮވިޑް-19ގެ މިހާލަތާ ގުޅިގެން އެންމެ ބޮޑަށް ހާލުގައި ޖެހިގެން ދިޔައީ ވެސް ބިދޭސީ މަސައްކަތްތެރިންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް 1000 ށް ވުރެ ގިނަ ބިދޭސީން ފޮނުވާލާފައި ވެސް ވެއެވެ.