ރާއްޖޭގެ ޕޯސްޓް އޮފީހަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޕޯސްޓް ޕާރުސަލްތައް ރައްދު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަން ވިސާމް ފާހަގަކުރައްވާފައިވާއިރު، ޕޯސްޓް މެދުވެރިކޮށް ގެންނަ މުދާ ނުލިބޭ ކަމަށް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ކޮވިޑް-19އާ ގުޅިގެން މުދާ ޑެލިވަރާ ކުރުމާއި، ވިޔަފާރިތަކުން ޚިދުމަތް ދިނުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިސާމް ވިދާޅުވީ، ކޮވިޑް-19ގެ މިހާލަތުގައި ހުއްދަ ދެމުންދަނީ ވަރަށް ބޮޑަށް ލިމިޓް ކުރެވިގެން ކަމަށާއި، މީހުން އައިސް ތޮށްޖެހޭ ޒާތުގެ ޚިދުމަތްތައް ފޯރުކޮށްދޭން ހުއްދަ ނުދޭ ކަމަށެވެ.
މިހާރު އަޅުގަނޑުމެން އާންމުންނަށް ހުޅުވާލައިގެން ޚިދުމަތެއް ފޯރުކޮށްދޭން ނޫނީ އެއްޗެއް ވިއްކަން ހުއްދަ ދޭއިރުގައި ވަރަށް ބޮޑަށް ލިމިޓް ކޮށްފައި މިހުރީ މީހުން އައިސް ތޮށްޖެހޭ ޒާތުގެ ޚިދުމަތްތައް ފޯރުކޮށްދޭން ހުއްދަ ނުދޭ ގޮތަށް.އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް
ވިސާމް ވިދާޅުވީ ޕޯސްޓުގެ ޚިދުމަތް މިދުވަސްވަރު ފޯރުކޮށްދޭ ކަމަށްވާނަމަ ކޮށްދެވޭނީ ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ކަމަށެވެ. އަދި އާންމުން ގެނެސްފައި ހުރި ޕޯސްޓް ޕާރުސަލްތައް ރައްދު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ކަމަށް ވިސާމް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރާނެ އުސޫލު އާންމުކޮށްފައެވެ.
ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުން ހުއްދައަށް އެދި ހުށަހަޅާނީ، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ އިއުލާނާއެކު ޝާއިއުކޮށްފައިވާ އެކްސެލް ޝީޓުގައި ބަޔާންކުރާ މައުލޫމާތު ފުރިހަމަކުރުމަށްފަހު، މިނިސްޓްރީގެ އީމެއިލް އެޑްރެސް mv.gov.trade@supplies_covid19 އަށެވެ.