މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބުމަކީ މި ހާލަތުގައި އެންމެ ޑިމޮކްރެޓިކް ގޮތްކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް, އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހަށް މިހާރު އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ މުއްދަތު ހަމަވާއިރު އައު މެމްބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ ކައުންސިލް އިންތިޚާބެއް ބާއްވާ ކައުންސިލްތަކަށް މީހުން އައްޔަންކުރެވެންދެން މިހާރު އޮތް ކައުންސިލްތަކުގައި ތިބި މެމްބަރުން އެ މަގާމުގައި ދެމިތިބޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މިކަމާއި ގުޅިގެން މެމްބަރ އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ލަފަޔާއި އެކު ގާނޫން އަސާސީއަށް އިސްލާހު ހުށަހަޅައި, ގާނޫނު އަސާސީގެ 80 ވަނަ މާއްދާގެ ރޫހަށް ރިޢާޔަތްކޮށް މިހާރު ތިބި ކައުންސިލަރުން ދެމި ތިބުމަކީ، މިހާލަތަށް އެންމެ ޑިމޮކްރެޓިކް ގޮތްކަމަށެވެ. ސަބައެއްގެ ގޮތުގައި މެމްބަރު ވިދާޅުވީ، މިހާރު މަގާމުގައި ތިބި ކައުންސިލަރުންނަކީ ރައްޔިތުން ހޮވާފައި ތިބި ބަޔަކަށް ވުމާއި އިންތިހާބެއް ބޭއްވޭނެ ޖާގައެއް މި ހައްސާސީ ދަނޑިވަޅުގައި ނެތުން ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސްކުރެވިފަ އެވެ. އެއާއެކު މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ 5 ވަނަ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމެވެ. މި ބިލްގެ ބަހުސް މަރުހަލާގައި މިހާލަތުގައި ޤާނޫނު އަސާސީ އިސްލާހު ކުރެވޭނެތޯ މެމްބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކާއެކު އެންމެފަހުން މަޖިލީހުން ވަނީ މިކަމުގައި އިސްތިޝާރީ ލަފަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
މިކަމާއި ގުޅިގެން، ސުޕްރީމް ކޯޓުން ނެރުނު އިސްތިޝާރީ ލަފާގައި ވަނީ ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އަދި ގާނޫނު އަސާސީ އަށް އިސްލާހު ނުގެނެސް، ކައުންސިލަރުންގެ ދައުރު ދައްމާނުލެވޭނެ ކަމަށް ލަފާގައި ވެއެވެ.