އައު ކައުންސިލް އިންތިޚާބެއް ބޭއްވެންދެން ކައުންސިލަރުންގެ ދައުރު އިތުރުކޮށް ޤާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކާއިއެކު އިންތިޚާބެއް ބޭއްވެންދެން ކައުންސިލް މެމްބަރުން އަމަލުކުރާނެ ޚާއްސަ ޤާނޫނުގެ ބިލުގެ ކޮމިޓީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިބިލަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލެކެވެ. މިބިލް ލާމަރުކަޒީ ކޮމިޓީން ދިރާސާކުރުމަށްފަހު ހުކުރު ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ޖަލްސާއަށް ވަނީ ކޮމިޓީ ރިޕޯޓް ހުށަހަޅާފަ އެވެ.
މި އިސްލާހުގައި މައިގަނޑު 9 ނުކުތާއެއް ވަނީ ހިމަނާފައެވެ. ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މިރިޕޯޓް ހުށަހަޅުއްވަމުން ވިދާޅުވީ މިބިލަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމަށް ހުށަހެޅިފައިވާ ޚާއްސަ ބިލެއްކަމަށެވެ. ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަސްކުރި ކައުންސިލް އިންތިޚާބް ބޭއްވެންދެން މަޤާމުތަކުގައި ތިއްބަވާ ކައުންސިލަރުން މިބިލުގައިވާ ކަންކަމަށް އަމަލު ކުރަންޖެހޭނެ ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.
މިހާރު މިބިލް އޮތް ގޮތުން ކައުންސިލްތަކަށް 6 މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް އެއްވެސް ބިމެއް އެލްޖީއޭގެ ހުއްދަނެތި ނުދެވޭނެއެވެ. އަދި ކައުންސިލަށް މުވައްޒަފުންވެސް ނެގޭނީ އެލްޖީއޭގެ ހުއްދަ ދިނުމުންނެވެ. ބޮޑެތި ބާރުތަކެއް އެލްޖީއޭއަށް މިހާލަތުގައި ދިނުމަށް ވަނީ ނިންމާފަ އެވެ.
މިބިލާއި އަދި ޤާނޫނު އަސާސީއަށް ގެންނަ އިސްލާހާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ހެނދުނު 11 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ އެވެ.
މިހާރު އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހަށެވެ.