މާލެ އައިސް ތާށިވެފައި ތިބި މީހުންގެ ތެރެއިން ރިސޯޓު މުވައްޒަފުންގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވާ މީހުން ރަޖިސްޓަރ ވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ހުކުރު ދުވަހު ނެރުނު އިއުލާނެއްގައި ބުނީ، ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުންގެ ތެރެއިން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އަނބުރާ ނުދެވި ތިބި މުވައްޒަފުންނަށް އިތުރު ފުރުސަތެއް ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ރިސޯޓު މުވައްޒަފުން ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ބުނީ، ރަޖިސްޓަރ ވާން އެދޭ މުވައްޒަފުން މިނިސްޓްރީގެ ހޮޓްލައިން (7223131)ށް އެސްއެމްއެސްކޮށް ނަން ނޯޓު ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން، މިނިސްޓްރީގެ އީމެއިލް ([email protected])ށް މެއިލްކޮށް ނަން ނޯޓު ކުރެވޭނެކަންވެސް ފާހަގަ ކޮށްފައި ވެއެވެ.
މިހާރު ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ނަގާފައި ހުރި ރިސޯޓުތަކުގެ ޖާގަ ހުރި ވަރަކުން އެތަންތަނަށް މީހުން ގެންދިއުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ފަރާތްތަކުން ޓްރާންސިޓް ކަރަންޓީނަށް ގެންގޮސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު، ޓެސްޓު ހެދުމަށްފަހު މެނުވީ ރަށަށް ނުދެވޭނެކަން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައި ވެއެވެ.