ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ މެންދުރު 12:55ން ފެށިގެން ހަވީރު 16:00 އާ ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ ހަވީރު 6:00ށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
މެދުތެރެއާއި އިތުރުގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގު އުތުރުންް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.