ކޮވިޑް-19 އާއި ގުޅިގެން ޓެކްސީ އެމްބިއުލަން ބޭނުންކުރުމުގެއުސޫލުއާންމު ކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ޙާލަތަށް ދިޔުމުން އަސާސީ ޞިއްޙީ ޚިދުމަތްތައް ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން އިމަރޖެންސީ ޙާލަތުގައި ބަލިމީހާ ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގެންދިޔުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށްޓަކާ އެންބިއުލަންސްގެ ގޮތުގައި ކާރު އަދި އެނޫންވެސް އުޅަނދު ބަލިމީހުން އުފުލުމަށް ބޭނުން ކުރުމަކީ އެ ޚިދުމަތް ގިނަބަޔަކަށް އަވަހަށް ދިނުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެންބިއުލާންސެއްގެ ގޮތުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ އުޅަނދުގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަލާއިރު، ކާރު ހުންނަންވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ މިންގަނޑަށް ފެތޭގޮތަށް ކަމަށް އެޗްޕީއޭގެ އުސޫލުގައި ވެއެވެ. އެގޮތުން އެކާރުގެ ރޯޑް ވާރދިނަސް ފުރިހަމަވާން ވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އުޅަނދުގެ ޑްރައިވަރ ސީޓް ހުންނަން ވާނީ މުޅިން ވަކިން ޕާޓިޝަން ޖަހާފައި ކަމަށް އުސޫލުގައި ވާއިރު ބަލިމީހާ ގޮވައިގެން ދަތުރު ކުރާއިރުގައި އުޅަނދުގެ ކުޑަދޮރުތައް ހުޅުވާފައި ހުންނަންޖެހޭ ކަމަށްވެސް ވެއެވެ. އަދި ޕާރޓިޝަން ޖެހުމަށް ބޭނުންކުރާ މެޓީރިއަލް އަކީ ފެން ނުފާއްދާ ފަސޭހައިން ސާފުކުރެވޭ އެއްޗަކަށް ވާންޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ބަލި މީހާ ހޮޑުލެވުންފަދަ ކަމެއް ދިމާވާ ޙާލަތެއްގައި ކާރު ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓް ކުރެވޭ ގޮތަށް ސީޓު ކަވަރު ހުންނަން ޖެހޭއިރު އުޅަނދުގައި ރަނގަޅު ކޮމިޔުނިކޭޝަން ސިސްޓަމެއް ހަރުކުރެވިފައި ހުންނަންވާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ބޭނުންކުރާ ޑިސްޕޯސަބަލް މާސްކް އަދި އަންގާ ރައްކާތެރިގޮތުގައި ނައްތާލަން ވާނެ ކަމަށް މި އުސޫލުގައި ބަޔާންކޮށްފައި ވާއިރު ކާރު އުޅަނދު ދުއްވާ ހުރިހާ ޑްރައިވަރުން ވެސް އިންފެކްޝަން، ޕްރިވެންޝަން (އައި.ޕީ.ސީ) ކޮންޓްރޯލް ކުރުމާއި އަމިއްލަ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޢުލޫމާތުދީ އަހުލުވެރި ކުރަންވާނެ ކަމަށް ވެސް ވެއެވެ.
އެޗްޕީއޭގެ އުސޫލުގައި ވާގޮތުން ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ގެންދިއުމުގެ ކުރިން އޮކްސިޖަން ދިނުން ފަދަ ޚާއްޞަ ފަރުވާއެއް ބޭނުންވާ މީހަކު މިފަދަ އުޅަނދެއްގައި ގެންގޮސްގެން ނުވާނެ ކަމަށް ވެއެވެ. އަދި އުޅަނދުގައި ސީޓު ބެލްޓު ހަރުކޮށްފައި ހުންނަން ޖެހޭއިރު ބަލިމީހަކު ގޮވައިގެން ދަތުރު ކުރާއިރު ޑްރައިވަރާއި ދަތުރުކުރާ އެންމެން ތިބެންވާނީ ސީޓު ބެލްޓު އަޅައިގެންނެވެ.