ކޮވިޑް-19ގެ މި ހާލަތު ބަދަލުވިހާ އަވަހަށް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް އެޔުނިވަރސިޓީން ބުނެފި އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި އައިޔޫއެމްގެ ރަޖިސްޓްރަރ އަހުމަދު ރައުފު އަބްދުﷲ ވިދާޅުވީ ކޮވިޑް-19ގެ މި ހާލަތު ކުރިމަތިވީ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ގާތްގަނޑަކަށް ފުރިހަމައަށް ތައްޔާރުވެފައި ވަނިކޮށެވެ.
ރައުފު ވިދާޅުވީ ދަސްވެނިވުމުގެ ރަސްމިއްޔާތައް ދަރުބާރުގޭގެ ބައެއް ހޯލްތައް ކުއްޔަށް ނަގާފައިވަނިކޮށް ކޮވިޑް-19އާ ގުޅިގެން ހޯލްތައް ސަރުކާރަށް ނެގި ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ދަސްވެނިވުމުގެ ބޮޑު ރަސްމިއްޔާތެއް ބޭއްވުމަކީ ރައްކާތެރި ގޮތަކަށް ނުވާތީ ވަކި މުއްދަތެއް ނެތް ގޮތަށް ލަސް ކުރެވިފައިވާ ކަމަށް ރައުފު ވިދާޅުވި އެވެ.
ގްރެޖުއޭޝަނަށް ވަރަށް ބޮޑަށް ތައްޔާރުވެެގެން އެކަމުގެ ހުރިހާ ކަމެއް ނިމިފަ ކަހަލަ ގޮތަކަށް އޮއްވާ ކޮވިޑް-19ގެ މި ހާލަތު ކުރިމަތިވީ. ހަގީގަތުގައި ދަރުބާރުގެ އަޅުގަނޑުމެން ކުއްޔަށް ހިފައި ހުރިހާ ކަމެއް ނިމިފައި އޮއްވަ މަޑުމަޑުން މި ކޮވިޑްގެ ހާލަތު އައިސްގެން އަޅުގަނޑުމެން ގާތްގަނޑަކަށް ދަރުބާރުގެ ހުރިހާ ހޯލްތަކެއް ހިފާފަ މިކަމާ ގުޅިގެން ފަހަރަކު ހޯލެއް ސަރުކާރުން ނަންގަވަމުން ގޮސް އަޅުގަނޑުމެން އުންމީދު ކަނޑާލާފައިން ދެން މިކަން ކުރިއަށް ގެންދެވިދާނެ ކަމުގެ. ދެން ހަގީގަތުގައި އަޅުގަނޑުމެން އޭގެ ފަހުގައި ޕްލޭނިން މިނިސްޓްރާއެކު މަޝްވަރާ ކުރަން ފެށުނީ ދެން ދަރުބާރުގެ ގޭ އެންމެ އަވަހަށް ގްރެޖުއޭޝަން ބާއްވަން ދެން ލިބޭނީ ކޮންއިރަކުންތޯ. އެސުވާލުގެ ޖަވާބުގައި އެބޭފުޅުން ވެސް ވިދާޅުވަނީ މިހާރު މިއޮތް ހާލަތުން އެ ބޭފުޅުންނަށް ވެސް ނެތޭ ކުރިއަށް ލަފާ ކުރެވިފައެއް ކިހާ ހިސާބަކުތޯ ދެން ދަރުބާރުގެ ދޫކުރަން ފެށޭނީކީ.ރަޖިސްޓްރަރ އަހުމަދު ރައުފު އަބްދުﷲ
ރައުފު ވިދާޅުވީ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ލަސްވި ނަމަވެސް އައިޔޫއެމް ހުޅުވުނުހާ އަވަހަށް ދަރިވަރުންގެ ސެޓްފިކެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ދަތި ހާލަތާއި ގުޅިގެން ދަރިވަރުންނަށް ލުއި ގޮތްތައް ހޯދައި ދިނުމަށް އައިޔޫއެމުން ވަނީ ގިނަ ފިޔަޅުތަކެއް އަޅާފަ އެވެ.
އެގޮތުން މިއަހަރުގެ ކޯސް ފީގެ %20 ކުޑަ ކުރުމަށް ނިންމާ ދިރާގާ އުރީދޫއާއެކު މަޝްވަރާތައް ކުރެވި ކޮންމެ ދަރިވަރަކަށް 5 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސި އެވެ. އަދި ކަނެކްޝަން ހުންނަ ގޭގެއިން ހިލޭ މޫޑުލްއަށް ވަދެވޭ ގޮތް ވަނީ ހަދާފަ އެވެ.
އެކި ސަބަބުތަކާ ހުރެ މިއަހަރުގެ ކޯސް ކުރިއަށް ނުގެންދެވޭ ދަރިވަރުންނަށް އަންނަ އަހަރު އެ ފުރުސަތު ދޭނެ ކަމަށް އައިޔޫއެމުން ބުނެއެވެ.