ކޮވިޑް-19 އާއި ގުޅިގެން ބަލިމީހުންނަށް ފަރުވާދިނުމަށް 500 އާ ގާތްކުރާ އަދަދަކަށް އެނދު ތައްޔާރުކުރެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވީ ޑީއެޗް 11 ގައި 10 ބެޑް އިންޓެންސިވް ކެއަރގެ ގޮތުގައި ބޭނުންކުރަމުންދާކަމަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި މެއި 6 ގައި ފަރުވާދޭން ފަށާފައިވާ އިރު، އެތަނުގައި ބަލިމީހުން އެޑްމިޓް ކުރެވިގެން ފަރުވާ ކުރިއަށްދާތާ 3 ހަފްތާ ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 24 ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީ އައިޖިއެމްއެޗާއި ހަވާލުކުރެވިފައިވާ އިރު، އެ ފެސިލިޓީގައި 289 އެނދުގެ ކެޕޭސިޓީ ހުރި ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ. މީގެ އިތުރުން ފަރުވާދިނުމަށް ބޭނުން ކުރާނީ އެ ފެސިލިޓީގެ އޭ އަދި ބީ ބްލޮކް ކަމަށާއި، މީގެ ތެރެއިން ބީ ބްލޮކްގައި 68 އެނދު އަދި އޭ ބްލޮކްގައި 221 އެނދު ހުންނާނެ ކަމަށެވެ. އަދި 68 އެނދުގެ ބައިގައި އައިސީޔޫ 2 ބެޑް އަދި ހީމޯޑައިސިސް ދޭން ޖެހިއްޖެ ހާލަތެއްގައި 1 ބެޑް ތައްޔާރުކޮށްފައި ހުންނާނެ ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި 100 އައިސީޔޫ ބެޑްގެ ކެޕޭސިޓީ ޑިވަލަޕް ކުރެވޭގޮތަށް އިނީ. މިވަގުތު 25 ބެޑް ވެންޓިލޭޓަރާއެކީގައި ތައްޔާރަށް އިނީ. 2 މީހަކު ވެންޓިލޭޓަރަށް ލެވިފައި އޮތީ. 100 އާ ހަމައަށް ދެވޭނެ ކެޕޭސިތީ އެބައިން. މީގެ އިތުރުން 60 އެނދު ޖެނެރަލް ބެޑްގެ ގޮތުގައި ހުންނާނެ. އެހެންކަމުން ގާތްގަޑަކަށް 500 ގާތްކުރަ އަދަދަކަށް ބެޑް އެބަހުރި. މިހާރު ހުރި ކެޕޭސިޓީ މެނޭޖް ކުރެވޭ ވަރަށް ހިއުމަން ރިސޯސް ކެޕޭސިޓީ އެބަހުރި،އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރ ޑރ. އަލީ ނަޒީމް
ޑރ. އަލީ ނަޒީމް ވިދާޅުވީ ކުރިންވެސް ހިދުމަތް ދެމުން ގެންދިޔަ ޑޮކްޓަރުންނާއި، ނޭޕާލާއި ބަންގުލަދޭޝްއިން އައި 30 ޑޮކްޓަރުން މަސައްކަތަށް ނުކުންނަވާފައިވާ ކަމަށެވެ. އެއީ ޕޯސްޓްގްރެޖުއޭޓް ހަދަމުންދާ ފަރާތްތައް ކަމަށާއި، އެ ޑޮކްޓަރުން ޓީމުގައި މަސައްކަތް ކުރައްވަމުން ގެންދަވާނީ މެޑިކަލް އޮފިސަރުންގެ ގޮތުގައި ކަމަށް ނަޒީމް ވިދާޅުވި އެވެ.
ޑރ. އަލީ ނަޒީމް ވިދާޅުވީ މީގެ ތެރެއިން 2 ވަނަ ނުވަތަ 3 ވަނަ މަރުހަލާގައި ކިޔަވަމުންދާ ނުވަތަ ކިޔެވުން ނިމެން ވަރަށް ގާތްވެފައިތިބި ޑޮކްޓަރުން އެބަތިއްބެވި ކަމަށާއި، އެފަރާތްތަކުގެ ތަޖުރިބާ ވެސް ވަރަށް ރަނގަޅު ކަމަށެވެ. އަދި އެ ހުރިހާ ފަރާތްތަކުންވެސް މަސައްކަތުގައި ބައިވެރިވަމުން ގެންދަވާކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.