މާލެ ސިޓީގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ތެރެއިން މަސްމާރުކޭޓް ހުޅުވާ ލެވިގެންދާއިރު ސްޓޯލްތައް މަދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ބުދަ ދުވަހުގެރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ ތަފްސީލު ދެއްވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ މަސް މާރުކޭޓް ގައި ސްޓޯލްތައް މަދުކޮށް، ސްޓޯލްތަކުގެ ދޭތެރޭ ވީހާވެސް ގައިދުރުކަން ހިފެހެއްޓޭގޮތަށް އެކަން ހަމަޖެއްސުމަށްފަހު މަސް މާރުކޭޓް އަލުން ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސް މާރުކޭޓަށް ވަދެވޭ މީހުންގެ އަދަދުތައް ވަކި މިންވަރެއްގައި ހިފަހައްޓާ ގައިދުރުކަން ބެހެއްޓޭނެގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
މީގެއިތުރުން މަސް މާރުކޭޓް ތެރޭގައި ވައިދައުރުވާނެ ހެން ކަންކަން ހަމަޖެހި އަތްދޮވެވޭ އިންތިޒާމުތައް ހަމަޖެއްސުމަށްފަހު މަސް މާރުކޭޓް އަލުން ހުޅުވާލެވޭނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
މާލެ ލޮކްޑައުން ކުރުމާއެކު މަސް މާރުކޭޓު ބަންދުކުރުމުން ލޮކްޑައިންގެ މުއްދަތުގައި މާލޭގައި ދިރިއުޅޭ ރައްޔިތުން މަސް ގަންނަމުން ދިޔައީ މަސްވެރިކަން ކުރާ ބައެއް އޮޑި ދޯނިފަހަރުންނެވެ. އަދި މަހުގެ ބާވަތްތައް ވިއްކާ ފިހާރަ ތަކުންނެވެ.
އޭގެފަހުން މަސް މާރުކޭޓުން ވަނީ މަސް ޑެލިވަރީ ކުރުމުގެ މަސައްކަތް ކޮށްފަ އެވެ.