ކޮވިޑް-19 ރޯގާ ރާއްޖެއިން ފެނި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އަދި މާލެ ޞަރަޙައްދު ފުރަބަންދުކޮށްފައިވާ، މި ނުރައްކާތެރި ޙާލަތަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރެވިދާނެ ޙާލަތެއް ނޫން ކަމަށާއި، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ސަރުކާރާއި އެމްޑީޕީން ބުނިކަމުގައި ވިޔަސް ވޯޓު ނުދެއްވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުޘް ކުރައްވަމުން މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ މި މައްސަލައަކީ ވަރަށް ޙައްޞާާޞް އަދި ވަރަށް ގިނަ ބައެއްގެ މެދުގައި ޚިޔާލު ތަފާވުން އޮތް މައްސަލައެއް ކަމަށެވެ. އަދި މިއީ ޢާންމު ޤާނޫނެއް ފާސްކުރާހެން ކުރެވޭނެ ކަމެއް ނޫންކަމަށާއި، ޤާނޫނުއަސާސީ އިޞްލާޙު ކުރެވިދާނެ ޙާލަތު އޮތްތޯ ސުވާލު އުފެދިފައިވާ މިވަގުތުގައި ވޯޓު ދެއްވާނީ އަމިއްލަ ނަފުސަށް އެއީ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވޭ ގޮތަށް ކަމަށް ވެސް އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.
އާދައިގެ ޤާނޫނުތަކުގައި އަޅުގަނޑުގެ ވިސްނުމާއި އަދި އެހެން މެންބަރުން ވިސްނުންވެސް ތަފާތުވެދާނެ (އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގަ)، ތަފާތުވިޔަސް އަދި މެޖޯރިޓީން ފާސްވީމާއި ދެން އެގޮތަކަށް އަޅުގަނޑު ޤަބޫލު ކުރާނަން. އެހެންނަމަވެސް މިއީ ރާއްޖޭގެ ރައްޔިތުންގެ ދުސްތޫރުގެ ވާހަކަ މިދައްކަނީ. ޤާނޫނުއަސާސީ އިޞްލާޙު ކުރެވިދާނެތޯ މި ދަނޑިވަޅުގައި، މި ޙާލަތުގައި، ޤާނޫނުއަސާސީ ހުއްދަ ކުރާ ކަމެއްތޯ، ޤާނޫނުއަސާސީގެ ރޫޙާއި އެއްގޮތް ކަމެއްތޯ، މިޚިލާފުކަމުގެ ސުވާލު އުފެދިފައިވާ ވަގުތެއްގައި އަޅުގަނޑުގެ ނަފުސަށް، އަޅުގަނޑަށް 'ކޮންވިންސް' ވެފައިވާ ގޮތަށް އަޅުގަނޑު ޢަމަލު ކުރާނީ. އެއީ ޕާޓީއަކުން އަންގާ ގޮތަކަށެއް ނޫން، ސަރުކާރަކުން އަންގާ ގޮތަކަށެއް ނޫން،ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު ފާސް ކުރުމަށެވެ. ނުފެންނަ ކަމަށް 9 މެން ބަރަކު ވޯޓު ދެއްވިކަމަށް ވެއެވެ. އަދި ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ 4 މެންބަރުން ތިއްބެވި އިރު، އިމްތިޔާޒު ވޯޓު ދެއްވީ ފާސްކުރަން ނުފެންނަ ކަމަށެވެ.
ބުދަ ދުވަހުގެ ޖަލްސާގައި ވެސް، ޤާނޫނުއަސާސީ އިޞްލާޙު ކުރަން ބައެއް މެންބަރުން ދެކޮޅު ހެއްދެވި ނަމަވެސް އެމްޑީޕީ ޕާލަމެންޓްރީ ޕްރޫޕުން ނިންމާފައިވާ ގޮތަށް ވޯޓުދެއްވާނެ ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ. ބުދަ ދުވަހުގެ ޖަލްސާގައި ވެސް މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރަން ނުފެންނަ ކަމަށް ފާޅުގައި ދެކޮޅު ހެއްދެވީ އިމްތިޔާޒު ފަހުމީ އެވެ.
އިމްތިޔާޒު ފަހުމީ ވަނީ މި ޙާލަތަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ހާލަތެއް ނޫންކަމަށް ވިދާޅުވެ ވަރުދަގަ ރައްދުތަކެއް ވެސް ދެއްވާފަ އެވެ. އެގޮތުން، ރައްޔިތުން ގޭބަންދުގައި ތިބެން ޖެހި، ކައިރީ ހުންނަ ގޭގެ އަވަށްޓެރިޔާގެ ޙާލު އަހުވާލު ބަލާލައި ވާހަކަ ދައްކާ ނުލެވޭ، މި ޙާލަތުގައި އަދި ރައްޔިތުުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ބާއްވަން ޖެހިފައި އޮތް ޙާލަތުގައި، މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ އެތައް ޙައްޤުތަކެއް ހިފެހެއްޓި، ގެއިން ބޭރަށް ނިކުންނަ ގިނަ ފަރާތްތަކެއް ޖޫރިމަނާކޮށް، ބައެއް މީހުން ހައްޔަރު ކުރަމުންދާ މި ދަނޑިވަޅަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ޙާލަތެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ވެސް ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން ވިޔަސް، އިންތިޚާބީ ކައުންސިލަރުން އަންނަ ޖޫން މަހުގެ 3 ފަހުން ކައުންސިލްތަކުގައި ނުތިބޭނެ ކަމަށާއި، މިހާރު ހިންގަމުންދާ ކައުންސިލްތަކުގެ ދައުރު ނިމުނީމަ، އެނިމުނީ ކަމަށްވެސް އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދަންމާލިޔަަސް، އެއީ އިންތިޚާބުކޮށް ފައިވާ ކައުންސިލަރުންނަށް ނުވާނެ ކަމަށާއި، ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުުމުން އުފެދޭ ހުސްކަމަށް، އެ ނޫން ޙައްލުތައް އެބަހުރި ކަމަށް ވެސް އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެެ.
ޤާނޫނުއަސާސީ އިޞްލާޙު ކުރަން ފާސްކުރުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް މެންބަރުން ވާހަކަ ދެއްކަވަމުން ގެންދަވާތީ، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ، ބުދަ ދުވަހުގެ ޖަލްސާގައި އެކަން މެންބަރުންނަށް އޮޅުންފިލުއްވާ ދެއްވާފަ އެވެ. ރައީސް ނަޝީދުއަކީ ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރެއްގެ އިތުރުން އެމްޑީޕީގެ ރައީސް، ކަމަށްވާތީ، އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރާއި އަދިވެސް ބައެއް ބޭފުޅުންގެ އަރިހުން މަޢުލޫމާތު އޮޅުންފިލުއްވުމުން އެނގިފައިވަނީ، އަންގާރަ ދުވަހުގެ ރޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ނެގުނު ވޯޓަކީ ޤާނޫނުއަސާސީ އިޞްލާޙު ކުރުމާގުޅޭގޮތުން ނެގުނު ވޯޓެއް ނޫންކަމާއި، މަޖިލީހަށް ހުށަހެޅިފައިވާ އެ ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން ނެގުނު ވޯޓެއް ކަމަށެވެ.
ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހި، ކައުންސިލްތަކުގެ ޤާނޫނީ ހުސްކަން ފޫބައްދާނެ ގޮތަކާމެދު މިވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. މަޖިލީހުން މިހާރު ވަނީ ސުޕްރީމް ކޯޓުގެ ލަފަޔަކަށް މިކަމުގައި އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބުދަ ދުވަހުގެ ރޭ ބޭއްވުމަށްވެސް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފަ އެވެ. މިޖަލްސާއަކީ ވެސް ޤާނޫނުއަސާސީ އިޞްލާޙު ކުރުމާ ގުޅޭގޮތުން ބަހުޘް ކުރެއްވުމަށް ބާއްވާ ޖަލްސާ އެކެވެ.